16 Jul 2013, 16:00
ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރަށް ތައުރީފު ކުރައްވައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާހަކަފުޅު ދައްކަވައިފި އެވެ.
އާޒިމާއަށް ތައުރީފު ކުރައްވައި އިބޫ ވާހަކަފުޅު ދެއްކެވީ އެކަމަނާ އަށް މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ކުރިއަށް ދިޔަ ބަހުސްގަ އެވެ.
އިބޫ ވިދާޅުވީ އާޒިމާއަކީ ތައުލީމީ ގާބިލު ބޭފުޅެއް ކަމަށާއި އެކަމަނާ ފަދަ ގާބިލު އަންހެން ބޭފުޅަކު ސަރުކާރުގެ ކެބިނެޓުގައި އިންނެވުމަށް ތާއިދު ކުރައްވާ ކަމަށެވެ. ނަމަވެސް ރައީސް ވަހީދުގެ ކެބިނެޓުގައި އޭނާ ޝާމިލުވުމުން އެކަމަނާ އަށް ރުހުން ދެވެން ނެތް ކަމަށް އިބޫ ވިދާޅުވި އެވެ.
"ރައީސް ވަހީދަކީ ވެރިކަން ކުރެއްވޭނެ ވަރުގެ ބޭފުޅެއް ނޫން. ހާއްސަކޮށް އިންތިހާބީ ވެރިކަމެއް ކުރެވޭނެ ބޭފުޅެއް ނޫން. ރައީސް ވަހީދުގެ ކެބިނެޓަށް އާޒިމާ ވަޑައިގަތުމުން އެކަމަނާ އަކަށް ތާއިދެއް ނުކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.
ހިންނަވަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބޫ ވިދާޅުވީ މި ސަރުކާރަކީ އެއްވެސް އިރެއްގައި އެމްޑީޕީން ބަލައިގެން ސަރުކާރެއް ނޫން ކަމަށާއި އެހެންކަމުން މި ސަރުކާރުގެ ކެބިނެޓަށް ކޮންމެ ފަދަ ބޭފުޅަކު ވަޑައިގެންނެވިޔަސް، އޭ ބޭފުޅަކަށް އެމްޑީޕީން ރުހުން ނުދޭނެ ކަމަށެވެ.
އާޒިމާ އަށް މަޖިލީހުން ރުހުން ދިނުމާ ގުޅޭ ގޮތުން ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގައި ކުރިއަށްދިޔަ ބަހުސްގައި ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ "މަންމަ" މާރިޔާ އަހުމަދު ދީދީ ރައީސް ވަހީދުގެ ކެބިނެޓަށް ވައިޑައިގަތަސް އެ ޕާޓީގެ ރުހުމެއް ނުލިބޭނެ ކަމަށެވެ.
ބަންޑާރަ ނައިބުކަމުގެ މަގާމަށް އާޒިމާ އައްޔަން ކުރެއްވީ ޖެންޑާ ފެމެލީ، އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމަށް ރުހުން ނުލިބުމުންނެވެ. މި ސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ އާޒިމާ އެހެން މިނިސްޓްރީއަކަށް ބަދަލު ކުރެއްވުމުން ޕީޕީއެމްގެ ބައެއް ބޭފުޅުން ވެސް އޭނާ އަށް ރުހުން ނުދޭން ވޯޓު ދެއްވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން ވިދާޅުވީ ބަންޑާރަ ނައިބު ކަމުގެ މަގާމަށް އެންމެ ފުރަތަމަ އާޒިމާ ހަމަޖެއްސެވުމަށް ސަރުކާރަށް ހުށަހެޅީ ޕީޕީއެމުން ކަމަށައި ނަމަވެސް ޕީޕީއެމްގެ ރުހުމެއް ނެތި އެކަމަނާ އެހެން މިނިސްޓަރަކަށް ބަދަލު ކުރެއްވުމުން އެ ޕާޓީގެ ރުހުމެއް ނުލިބޭނެ ކަމަށެވެ.