ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮތާއި ފައިލާ ސީޑި ގެންގުޅުނު މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.


ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައި ވަނީ ކ. ގުޅީ، ސިމްލާ، އަލީ ޖިނާހުގެ މައްޗަށެވެ. ޖިނާހުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގަ އެވެ.


ދައުލަތުން ދައުވާކުރީ 19 އޮކްޓޯބަރު 2009 ދުވަހުގެ ވަގުތެއްގައި ފުލުހުން ޖިނާހު ދިރިއުޅޭ ގުޅީ، ކިނާރާ މަންޒިލް ބަލައި ފާސް ކުރިއިރު، އޭނާގެ ކޮޓަރި ތެރެއިން އޮރިޔާން މަންޒަރު ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯ ހުރި އަށް މަޖައްލާ އާއި އޮރިޔާން މަންޒަރު ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯތައް ލާފައިވާ ފައިލަކާއި އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީ އެއް ފެނިގެނެވެ. ދައުވާކުރީ ދިވެހި ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނު ގެ ހަތަރު ވަނަ މާއްދާގެ (ނ) އާއި ހާވާލާދީ، އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.


ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނަނީ ޖިނާހު ޝަރީއަތުގައި ދައުވާއަށް އިންކާރު ކުރި ނަމަވެސް ކިނާރާ މަންޒިލްގައި އޭނާ އުޅޭ ކޮޓަރި ބަލައި ފާސްކުރި އިރު އޮރިޔާން ކާޑްގެ ގޮތުގައި ހިމެނޭ ފޮތްތަކާއި ސިޑީ އާއި ފައިލް ފެނުނުކަން ފުލުހުންގެ ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ބަހުން އެނގޭ ކަމަށާ އެ ތަކެތި ކޮޓަރީގެ ތެރެއިން ނަގާފައިވަނީ ރަށު ކައުންސިލަރާއި، ޖިނާހުގެ މަންމަ އާއި އިތުރު އެހެން މީހެއްގެ ހާޒިރުގައި ކަން ޝަރީއަތަށް ހުށަހެޅުނު ލިޔުންތަކުން އެނގޭ ކަމަށެވެ.