16 Jul 2013, 15:42
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިދުމަތް ހޯދި އިންޓަނޭޝަނަލް ފްލައިޓްގެ އަދަދު ނުވަ ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެއާޕޯޓް ހިންގާ ކުންފުނިން އެއާލައިންތަކާ ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެއާޕޯޓުން 12،538 އިންޓަނޭޝަނަލް ފްލައިޓްތަކަށް ހިދުމަތްދީފައިވެ އެވެ.
"އެއީ ކުރިން ތަފާތު އެކި ސަބަބުތަކާ ހެދި ހުއްޓާލި އެއާލައިންތަކުން އަލުން ދަތުރުތައް ފެށުމުން ފްލައިޓް މޫވްމަންޓްސް އިތުރުވީ. ކުރިން ހުއްޓާލި އެއާލައިންތަކުގެ ތެރެއިން ހޮންކޮންގް އެއާލައިނުން ދާދިފަހުން ވަނީ އަލުން ދަތުރުތައް ފަށާފައި. އޭގެ އިތުރުން ފްލައި ޑުބާއީ އަދި ކޮރެއަން އެއާގެ ދަތުރުތައް ވެސް ފެށުމާއެކު އިންޓަނޭޝަނަލް ފްލައިޓްތައް މިހާ ބޮޑަށް އިތުރުވީ،" އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 650،000 އިންޓަނޭޝަނަލް ޕެސެންޖަރުން އައިސްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައި ވަނީ 236،458 ޕެސެންޖަރުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިއީ ގާތްގަނޑަކަށް 17 ޕަސެންޓްގެ އިތުރުވުމެއް. މިހާ ބޮޑަށް އިންޓަނޭޝަނަލް ޕެސެންޖަރުން އިތުރުވެގެންދިޔައީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމާ ގުޅިގެން. އަޅުގަނޑުމެން ލަފާކުރަނީ ފަހު ހަ މަސްދުވަހު 620،000 މީހުން އަންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ބުނީ މިއަހަރުގެ ނިޔަލަށް 1.3 މިލިއަން އިންޓަނޭޝަނަލް ޕެސެންޖަރުން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"މިހާރު ރާއްޖެ އަންނަ ފްލައިޓްތައް އިތުރުވެ ޓޫރިސްޓުން އަންނަ އަދަދު ވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އެހެންވެ މިހާ ބޮޑު ކުރިއެރުމެއް މިއައީ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ލަފާކޮށްފައިވާ ގޮތުން މި އަހަރު އެއާޕޯޓް ހިންގައިގެން ލިބޭ އާމްދަނީ 1.2 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.