16 Jul 2013, 15:15
ސަރުކާރު އަދި އަމިއްލަ އޮފީސް ތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ އިންޓަ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގެ ކުޅުން ފަށައިފި އެވެ.
އެމްޕީބީއޭގެ ކްލަބް ހައުސްގައި ކުރިއަށް ގެންދާ އެ މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއަށް އަލަށް އިންތިހާބު ކުރެވުނު ރައީސް މުހައްމަދު ޝަވީދު އެވެ.
ޖުމްލަ 10 އޮފީސް ބައިވެރިވެފައިވާ އެ މުބާރާތުގައި ކޮންމެ އޮފީހަކުން ފަސް ކުޅުންތެރިން ބައިވެރިވެފައިވާ އިރު މުބާރާތުގެ ކުޅުން ކުރިއަށް ގެންދަނީ، އިންޑިވިޖުއަލް އަދި ޓީމް އިވެންޓްވެސް ހިމެނޭ ގޮތަށެވެ.
"އިންޑިވިޖުއަލް އަދި ޓީމް އުސޫލުންވެސް މެޗުތައް ކުޅުމަށް ރޭވިފައިވާއިރު މުބާރާތް ކުރިއަށް ގެންދާނީ [ނޮކްއައުޓް] އުސޫލުން ބަލިވާ ޓީމެއް މުބާރާތުން ކަޓާ ގޮތަށް. އަދި ފުރަތަމަ ބުރުގެ ކުޅުން ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު އިންޑިވިޖުއަލް ކުޅުންތެރިންނާއި އަދި ހަތަރު ޓީމު ހިމެނޭ ގޮތަށް ސެމީފައިނަލްގެ ތިން މެޗު ކުޅުވާނީ،" އެމްބީޕީއޭގެ އޮފިޝަލަކު ބުންޏެވެ.
މުބާރާތުގައި މިހާތަނަށް 28 މެޗު ކުޅެފައިވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 24 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ، އެމްބީޕީއޭގެ ކްލަބް ހައުސްގައި ކޮންމެ ރެއެއްގެ 9:30ން ފެށިގެންނެވެ.