ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމަށް މަޖިލީހުން ރުހުން ނުލިބުމުން ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރެއްވި އައިޝަތު އާޒިމާ ޝުކޫރަށް ރުހުން ނުދިނުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިފި އެވެ.

އާޒިމާއަށް ރުހުން އޮތްތޯ ބެލުމަށް ކޮމެޓީގައި މިއަދު ނެގި ވޯޓުގައި ސަރުކާރަށް ތާއިދު ކުރާ އެއްވެސް މެންބަރަކު ބައިވެރިއެއް ނުވެ އެވެ. އާޒިމާ އަށް މަޖިލީހުން ރުހުން ނުދޭން ފާސް ކުރީ ވޯޓުގައި ބައިވެރިވި އެމްޑީޕީގެ ހަތަރު މެންބަރެއްގެ އިއްތިފާގުންނެވެ.

ވޯޓަށް އެހި އިރު، ސަރުކާރަށް ތާއިދު ކުރައްވާ ދެ މެންބަރަކު ކޮމެޓީގައި ތިއްބެވި އެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފާއި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އެވެ. ނަމަވެސް ވޯޓުގައި ބައިވެރިނުވެ، އެ ދެ ބޭފުޅުން ކޮމެޓީ ދޫކުރައްވައި ވަޑައިގެންނެވީ އެވެ.

އާޒިމާ އަށް ރުހުން ނުދޭން ކޮމެޓީން ނިންމުމުގެ ކުރިން ސަރުކާރަށް ތާއިދު ކުރާ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންގެ މެދުގައި ދެ ބަސްވުމެއް އުފެދުނެ އެވެ. އެއީ އާޒިމާގެ ކުށުގެ ރެކޯޑު ހޯދުމާ ގުޅޭ ގޮތުންނެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވީ އާޒިމާގެ ކުށުގެ ރެކޯޑު އަލުން ހޯދަން ނުޖެހޭނެ ކަމަށާއި މަޖިލީހުގެ ކުރިން ހޯދާފައިވާ ރެކޯޑުގެ މައްޗަށް ބިނާކޮށް ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

ޖެންޑާ މިނިސްޓަރު ކަމަށް އާޒިމާ ކުރިން އައްޔަން ކުރެއްވުމުން، އޭނާގެ ނަން މަޖިލީހުން ދިރާސާ ކުރިއިރު ހޯދާފައިވާ ރިކޯޑުތަކަށް ބަލައިގެން ގޮތެއް ނިންމިދާނެ ކަމަށް ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވެސް ވިދާޅުވި އެވެ. ނަމަވެސް ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން އެ ކަމަށް ދެކޮޅު ހެއްދެވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީގައި އިންނަވާ ގައުމީ އިއްތިހާދު ޕާޓީގެ ވެސް މެންބަރު އަހުމަދު ޝަރީފު ވިދާޅުވީ އާޒިމާގެ ނަން ކޮމެޓީން ދިރާސާކޮށް ކުރިއަށް ގެންދަންޖެހޭނީ އޭނާގެ ރެކޯޑު އަލުން ސާފު ކުރުމަށްފަހުގައި ކަމަށެވެ. އެއީ ކޮމެޓީން އާންމުކޮށް އަމަލު ކުރާ އުސޫލު ކަމަށް ޝަރީފު ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު ވިދާޅުވީ އެހެން ކޮމެޓީތަކުގައި ނަންތައް ދިރާސާކުރާ އިރު، ކުށުގެ ރެކޯޑު ކުރިން ސާފުކޮށްފައި އޮތްނަމަ އަލުން އެ ރެކޯޑު ސާފުނުކޮށް އެ ބޭފުޅުންގެ ނަން ދިރާސާކުރެއްވުމުން ކުރިއަށް ގެންދަވާ ކަމަށެވެ.