16 Jul 2013, 14:55
ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާ އެކު ކޯލިޝަންގައި ހަދާފައިވާ "ގައުމައިގެން ކުރިއަށް" ކޯލިޝަނަށް ހައުސިން މިނިސްޓްރީން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ދޫކޮށްފައިވާ ކާނިވާ ސްޓޭޖް ސަރަހައްދު ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭ އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގެ (ޑ) ގެ ދަށުން އަލިމަސް ކާނިވާ ސަރަހައްދަކީ، ވަކި ޕްލޭނެއްގެ ދަށުން މާލޭ ސިޓީ ކައުންސިލުން އެބިން ބޭނުންކުރެވޭ ގޮތް ކަނޑައަޅައިވާ ސަރަހައްދެއް ކަމަށެެވެ. އަދި އެސަރަހައްދުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހުއްދަނެތި ނުބޭއްވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ ސިޓީ ބައެއް ސިޔާސީ ޕާޓީތަކުން ކައުންސިލްގެ އިޒްނައެއް ނެތި އަދި ހުއްދަ ވެސް ނުހޯދައި ކާނިވާގެ ސަރަހައްދު ބޭނުންކުރަމުން ގެންދާތީ އެކަމާ ހިތާމައާ އެކު ފާހަގަކުރާ ކަމަށެވެ. އަދި ގައުމީ އިއްތިހާދު ޕާޓީން އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ބޭއްވުމަށް އެސަރަހައްދުގައި ފޯސްޓަރުތައް ހަރުކޮށްފައި ވަނީ ގަވާއިދާ ހިލަށްފަށް ކަމަށް ވެސް ސިޓީ ކައުންސިލްގެ ނޫސްބަޔާނުގައިވެ އެވެ.
"ގިނަ ސިޔާސީ ޕާޓީތަކުން އެ ސަރަހައްދު ހޯދުމަށް އެދެމުންދާ މިފަދަ ދަނިވަޅެއްގައި ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ވާހަކަފުޅުތައް ދެއްކުމާއި އެފަރާތުން (ކޯލިޝަނުން) ސިޔާސީ ހަރާކާތްތައް ކުރިއަށް ގެންދިޔުމަށް ގެންގުޅުއްވާ އުސޫލުތައް ބަދަލުުކުރުމަށް ގޮވާލަން، އަދި މިކަމަށް ހައްލެއް ހޯދައިނުމަށް މިހާރުން މިހާރު ކާނިވާ ސްޓޭޖް ސަރަހައްދު ހުސްކޮށްދިނުމަށް އެދެން،" ނޫސް ބަޔާނުގައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ އެކަމަކީ ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ބޭނުން ކުރައްވައިގެން ކުރައްވަމުން ގެންދާ ކަމެއް ކަމުގައި މައުލޫމާތު ލިބިފައިވާތީ އެކަން އެ ކައުންސިލުން ކުށްވެރިކުރާ ކަަމަށެވެ. އަދި ކާނިވާ ސްޓޭޖްގައި ކުރިއަށް ގެންދާ ހަރަކާތްތައް ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަންގެ ސްޕޯކްސްޕާސަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކާނިވާ ސަރަހައްދުން ކޯލިޝަނަށް ހޯމް މިނިސްޓްރީން ދޫކޮށްފައިވާ ސަރަހައްދު ހުސްކުރުމަށް ލިޔެކިޔުމުން އެ ކޯލިޝަނަށް އަންގާފައިނުވާ ކަމަށާއި އެކަން އެނގިވަޑައިގަތީ މީޑިއާތަކަށް ކައުންސިލުން ފޮނުވާފައިވާ ނޫސްބަޔާނަކާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލް ކުރާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން އެހެންވެ އަޅުގަނޑުމެންގެ ސިޔާސަތު ބައްޓަން ކުރަން ސިޓީ ކައުންސިލަށް އެންގޭނެ ކަމަކަށް ގަބޫލެއް ނުކުރަން. ބިމުގެ ވެރިފަރާތް ނޭނގޭ ހިސާބަަށް ކަންކަން ގޮސްފައި މިވަނީ، އެހެންކަމުގައިވާ އިރު ގައުމައިގެން ކުރިއަށް ކޯލިޝަނުން ކިހިނެތްތޯ އަމަލްކުރާނީ، ސިޓީ ކައުންސިލުން ބުނަނީ އެއީ ތިމަންނަމެންގެ ބިމެކޭ، ހައުސިން މިނިސްޓްރީން ބުނަނީ އެމީހުންގެ ބިމެކޭ. އަޅުގަނޑުމެންނަކަށް އެއީ ކޮން ބައެއްގެ ބިމެކޭ ދަންނަވާކަށް ނެތިން އަޅުގަނޑުމެންނަށް ލިޔުމުން ހުއްދަދީފައި އޮތީމާ މިއަދާ ހަމައަށް ވެސް އެތަން ބޭނުން ކުރަމުން މިއަންނަނީ،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ ކޯލިޝަނަށް ކާނިވާ ސަރަހައްދު ބޭނުން ކުރަމުން ގެންދަނީ ގާނޫނާ ހިލާފަށް ކަމަށް ސިޓީ ކައުންސިލްގެ ނޫސް ބަޔާނުގައި ބުނެފައި ވާތީ އެ ވާހަކަތައް ކުށްވެރިކުރާ ކަމަށާއި ކޯލޮޝަނުން ކާނިވާ ސްޓޭޖް ސަރަހައްދު ބޭނުން ކުރުރަމުން ގެންސަނީ ހައުސިން މިނިސްޓްރީން ހުއްދަދީގެން ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ ކާނިވާ ސްޓޭޖް ސަރަހައްދާއި ހެދިގޮނޑުދޮށް ސަރަހައްދުގެ ސްޓޭޖް ސަރަހައްދު ސިޔާސީ ޕާޓީތަކަށް ރިޔާސީ އިންތިހާބަށް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް ކަނޑައެޅިފައިވާ އުސޫލުން ދޫކުުރުމަށް ގަސްދުކުރާ ކަމަށެވެ.