ފ. އަތޮޅު ބިލަތްދޫ ބަނދަރު އާރާސްތު ކުރުމަށް ހަވާލުކުރި މަސައްކަތް އެއްކޮށް ފުރިހަމަނުކޮށް އެ ރަށުން ފައިބަން ނިންމާފައި ނުވާނޭ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ބިލެތްދޫ ބަނދަރުގެ މައްސަލާފައި އެ ކުންފުނީގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހައުސިން މިނިސްޓްރީއާ އެކު އެ ކުންފުނިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ބަނދަރުގެ މަސައްކަތް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން ދަނިކޮށް، އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެ މަސައްކަތް ހުއްޓުވީ ކަމަށެވެ.

"ފ. ބިލެތްދޫ ރައްޔިތުންގެ ތެރެއިން ބަޔަކު މަސައްކަތް ހުއްޓުވާފައި ވަނީ، ފ. ބިލެއްދޫ ކައުންސިލް އިން އެ ރަށުގެ ނެރުގެ ހުޅަނގު ފައިކަށި އިތުރު 20 ފޫޓަށް ދިގު ކުރުމަށް އެދުމުން އެ އެދުމާ އެއްގޮތަށް މިނިސްޓްރީ އޮފް ހައުސިން އިން އަމަލުކޮށްފައި ނުވާތީ. ކުންފުންޏަށް ހަވާލުކޮށްފައިވާ މަސައްކަތް ނިންމައި، އެ ރަށުން ފައިބަފާނެތީ ބުނެ އެވެ. އެއްވެސް ހާލެއްގައި މިކުންފުންޏާއި މިނިސްޓްރީ އޮފް ހައުސިން އާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ކުރުމަށް އެއްބަސްވެފައިވާ އެއްވެސް މަސައްކަތެއް ނުކޮށް އަދި ނުނިންމައި މި ކުންފުނިން އެރަށުން ފައިބަން ގަސްދުކޮށްފައި ނުވާނޭ ކަމަށް ދަންނަވަމެވެ." އެމްޓީސީސީގެ ބަޔާނުގައިވެ އެވެ.

އެމްޓީސީސީން ބުނީ ބިލަތްދޫ ރައްޔިތުގެ ބަޔަކު ނުކުމެ އެ ކުންފުނީގެ މަސައްކަތް ހުއްޓުވާލާފައި ވާތީ، ދެން އެ މަސައްކަތާއިގެން ކުރިއަށް ދާންވީ ގޮތުގެ ލަފަޔަކަށް ހައުސިން މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން އިރުޝަދު ދީފައި ވަނީ، މަސައްކަތް ކުރިއަށް ނުގެންގޮސް އެ ރަށުން ތަކެތި ބޭލުމަށް ކަމަށާއި އެހެން ކަމުން އެގޮތަށް އަމަލު ކުރުމަށް ފ. ފީއަލީގައި ހުންނަ އެކުންފުނީގެ ސައިޓްމެނޭޖަރު ބިލެއްދުއަށް ފޮނުވުމުން ތަކެތި ބަލައިދިޔަ އެމްޓީސީސީގެ ދެ އުޅަނދު އެ ރަށަށް ވަނަ ނުދީ ހިފަހައްޓައި އަދި ސައިޓް މެނޭޖަރު ވެސް ރަށުގެ ރައްޔިތުންގެ ބަޔަކުވަނީ އެ ރަށުން ބާލައިފައި ކަމަށެވެ.

އެމްޓީސީސީން ބުނީ، ބިލަތްދޫގައި ހުރި އެކުންފުނީގެ މުއައްޒަފުންނާއި މުދަލާއި އެހެނިހެން ތަކެތި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާ އެކު ފެށި ކަމަށެވެ. އަދި އެދުވަހު ބިލެއްދޫ ރައްޔިތުންގެ ބަޔަކު ނުކުމެ އެރަށުގައި ތިބި އެ ކުންފުނީގެ މުވައްޒަފުން، ސައިޓްގެއަށް ވައްދައި، ފޯނުތައް ނިއްވާލުމަށް މަޖުބޫރުކޮށް އެތަނުން ނުކުތަނުދީ ހިފެހެއްޓި ކަމަށެވެ.

އަދި ހަމަ އެހެންމެ ބިލެއްދޫ ބަނދަރުގެ މަސައްކަތް ފުރިހަމަނުކޮށް އެ މަސައްކަތަށް ގެނައި ތަކެތި އެ ރަށުން ބޭރު ނުކުރުމަށް އަމުރެއް ނެރެދިނުމަށް، އެ ރަށު ކައުންސިލުން، ބިލެއްދޫ މެޖިސްޓްރޭޓް ކޯޓްގައި އެދުމުން އެ ގޮތަށް އެކުންފުނީގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށް ވެސް އެމްޓީސީސީގެ ބަޔާނުގައިވެ އެވެ.

"މި އަމުރާއި ގުޅިގެން ފ. ބިލަތްދޫގައި ތިބި މިކުންފުނީގެ މުއައްޒަފުން ބޭލުމަށް ކުރަމުންގެން ދިޔަ މަސައްކަތަށް ވެސް ބިލަތްދޫ ރައްޔިތުންގެ ބަޔަކު ވަނީ ނުކުމެ ހުރަސް އަޅައިފަ އެވެ. އެކަމާ ގުޅިގެން ކުންފުނީގެ މުވައްޒަފުންނާއި ތަކެތި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުގައި ބޭތިއްބޭނޭ ގޮތް ހައްދަވައި ދެއްވުމަށް އެދި މި ކުންފުނިން ވާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފ. ނިލަންދޫ ސްޓޭޝަންގެ އެހީތެރިކަމަށް އެދިފަ އެވެ." އެމްޓީސީސީގެ ބަޔާނުގައިވެ އެވެ.