16 Jul 2013, 14:14
ޓޫރިސްޓުން ގެންނަން މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ ބޭރުގެ ވަރަށް ގިނަ ޓްރެވަލް އެޖެންޓުންތަކެއް ޝަކުވާކުރުމުން އެޓޯލް ޕެރެޑައިސް އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް އެ އެޖެންސީގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ހިފަހައްޓައިފި އެވެ.
އެ މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން ގެންނަ އެޓޯލް ޕެރަޑައިސްއިން އެކި ފަރާތްތަކަށް ރިޒަވޭޝަން ހެދުމަށް ފަހު ކެންސަލްކޮށް ބަދަލު ނުދީ އަދި ރިޒަވޭޝަން ކޮންފާމްކުރުމަށް ފަހު ފައިސާ އަތުލައި ރިޒަވޭޝަން ކެންސަލްކޮށްފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެޓޯލް ޕެރަޑައިސް ބޭރުގެ އެކިއެކި ޓްރެވަލް އެޖެންޓުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލައި ރިޒަވޭޝަން ކެންސަލްކޮށްފައިވާ ކަމުގެ ޝަކުވާ ލިބިފައި އެބަހުރި. އަޅުގަނޑުމެން މިއުޅެނީ އެ ހުރިހާ ފަރާތްތަކުގެ އަދަދުތައް ކަލްކިއުލޭޝަން ވެސް މުޅިން ނުނިމިގެން،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެޓޯލް ޕެރަޑައިސް އަށް އަލުން ޓްރެވަލް އެޖެންސީގެ ހުއްދަ ދޭނީ އެ ފަރާތުން އެކި ފަރާތްތަކަށް ދައްކަން ހުރި ފައިސާ ދައްކައި ނިންމުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ ފަރާތާ ގުޅިގެން އެތައް ބައެއް ޝަކުވާ ލިބުމާ ގުޅިގެން އެ މައްސަލަ ބެލުމަށްފަހު އިތުރަށް ތަހުގީގުކުރަން ފުލުހުންނަށް ވެސް ހުށަހަޅަން ވަނީ ނިންމާފައި. މިހާރު ވެސް ވަރަށް ގިނަ ބައެއްގެ ފަރާތުން ޝަކުވާ ލިބެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.