16 Jul 2013, 14:12
މީގެ ފަސް އަހަރުކުރިން ސަލްޓަންޕާކްގައި ބޮންގޮއްވި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނިކޮށް ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުމަށްފަހު އެނބުރި ރާއްޖެއައި ލ. ގަން ތުނޑި ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ އަބްދުއްލަތީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ރާއްޖެއަށް އައިސް އުޅޭ ފަތުރުވެރީންނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އޭނާ ބައިވެރިވެފައިވާތީ ކަމަށެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) އާއި (ޅ) އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ދައުވާ ހުށަހެޅުމުން އޭނާ ވަނީ ދައުވާ އަށް އިންކާރު ކުރުމަށް ފަހު ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް އެދިފަ އެވެ.
އޭނާ ބުނީ ހާދިސާ ހިނގިތާ އެތަކެއް ދުވަސްވެފައިވާތީ އޭނާއާ ދެކޮޅަށް ހުރި ހެކިތަކަކީ ކޮބައިކަން އެނގެން ބޭނުންވާ ކަމަށެވެ. ގާޒީ ވިދާޅުވީ ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތުދެވޭނީ ވަކީލަކު ހަމަޖެއްސުމުން ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނަ ދުވަހަކަށް ވަކީލަކު ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
ސަލްޓަންޕާކްގައި ބޮންގޮއްވި މައްސަލައިގައި ފުލުހުން ހޯދަމުންދަނިކޮށް ފިލައިގެން އުޅުނު މީހުންގެ ތެރެއިން ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާގޭ، މުހައްމަދު އަމީން ވެސް ރާއްޖެއައިތަނުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އޭގެފަހުން ކްރިމިނަލް ކޯޓުގެ އަމުރަށް އޭނާ ވަނީ ދޫކޮށްލާފަ އެވެ.
އޭނާގެ ތަހުގީގު ފުރިހަމަކުރުމަށް ފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ފޮނުވާފައެވެ.