16 Jul 2013, 13:44
މޯލްޑިވިއަންގެ ޗާޓަރު ދަތުރުތަކެއް ކަޒަކިސްތާނަށް ރޭ ފަށައިފި އެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ ކަޒަކިސްތާންގެ އަލްމަޓީ އަށް 80 މީހުން ގޮވައިގެން މޯލްޑިވިއަންގެ ބޯޓު ރޭ ފުރަތަމަ ޗާޓަރު ދަތުރުކޮށްފައިވާ ކަމަށެވެ. އަދި ޓޫރިސްޓުން ގޮވައިގެން އެނބުރި މިއަދު ހަވީރު 4:25ގައި ބޯޓު މާލެ އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެންނަށް ޓުއާ އޮޕަރޭޓަރެއްގެ ފަރާތުން ލިބުނު ދަތުރެއް. މިއީ ރަނގަޅު މާކެޓަކަށް ވެއްޖެ ނަމަ ކުރިޔަށް އޮތްތަނުގައި އިތުރު ދަތުރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެއް،" ނަޝާތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަޒަކިސްތާނަށް ކުރާ ދެވަނަ ދަތުރު މިމަހުގެ 23ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އެ ދަތުރަކީ ވެސް ޗާޓަރު ދަތުރެއް ކަމަށް ނަޝާތު ވިދާޅުވި އެވެ.
މޯލްޑިވިއަންގެ 154 ގޮނޑީގެ އެއާބަސް އޭ 320ގެ މަތިންދާބޯޓުން މިމަހުގެ 21 ވަނަ ދުވަހު ދިވެހިންގެ ބަޔަކު ގޮވައިގެން ޗާޓަރު ދަތުރެއްގައި އުމްރާއަށް ވެސް ދާން ވަނީ ނިންމައިފަ އެވެ.