16 Jul 2013, 13:42
ސައުދީ އަރަބިއްޔާ އަށް މިދިޔަ ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި، ބަޖެޓަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް 300 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއަކަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަހީދު މިއަދު ވިދާޅުވީ ބަޖެޓަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް ޓަކައި ސައުދީ އަރަބިއްޔާގެ ސަރުކާރުގައި ލުއި ލޯނުގެ އެހީއަކަށް އެދިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ދަންނަވާފައި އޮންނާނީ 300 މިލިއަން ޑޮލަރުގެ ފެސިލިޓީއަކަށް. އެއީ ކޮންމެހެން އެއް ފަހަރާ ލިބޭ އެއްޗަކަން ނުވި ނަމަވެސް." ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ބަޖެޓް ފައިނޭންސް ކުރުމަށްޓަކައި އެކި ފަރާތްތަކުގެ ފަރާތުން ކުދި މުއްދަތުގެ ލޯނުތައް މިހާރު ނަގަމުންދާ ކަމަށާއި މިގޮތަށް ލޯނު ނަގާއިރު އިންޓްރަސްޓް ރޭޓްތައް ހުރީ ވަރަށް ބޮޑުކޮށް ކަމަށެވެ.
"ކުދި މުއްދަތުގެ ލޯނު ނަގައިގެން ބަޖެޓް ފައިނޭންސްކުރަނީ މި. އެއީ ތިން މަސް ދުވަސް، ހަ މަސް ދުވަހަށް ބޮންޑު ވިއްކައިގެން ފައިސާ މިހޯދަނީ. މިހާރުގެ ރޭޓުތައް (އިންޓްރަސްޓް ރޭޓް) ހުރީ ވަރަށް ބޮޑުކޮށް. ހަތް ޕަސެންޓް، އަށް ޕަސެންޓަށް މިހާރު ފައިސާ ލިބެނީ. އެއަދަދުގައި އެހާ ގިނައިން ފައިސާ ނަގާ ރޯލްކުރުމަކީ ބަޖެޓަށް އިތުރު ބުރަކަމެއް ލިބިގެންދާ ކަމެއް." ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ އެހެން ނަމަވެސް، މިވޭތުވެ ދިޔަ އަހަރުތަކުގައި ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ޓަކައި އެގޮތަށް ފައިސާ ނަގާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ބޮޑު ކަމަށެވެ.
ރައީސް ވިދާޅުވީ ސައުދީ ސަރުކާރުގެ ކިބައިން އެދިފައި ވާނީ ދިގު މުއްދަތަކަށް އެއް ޕަސެންޓް ނުވަތަ ދެ ޕަސެންޓުގައި އިންޓަރެސްޓްގައި ކްރެޑިޓް ފެސިލިޓީއެއް ހޯދުމަށް ކަމަށެވެ.
"އަޅުގަނޑުމެން މިދައްކަނީ ދިގު މުއްދަތަކަށް، ގާތްގަނޑަކަށް ފަސް އަހަރާއި އަށް އަހަރާ ދޭތެރޭގެ މުއްދަތެއްގައި އަދި އެއް ޕަސެންޓް، ދެ ޕަސެންޓުގެ އިންޓްރަސްޓުގައި ލޯނެއް ލިބުނަސް އެއީ ވަރަށް ބޮޑު ލުއެއް ސަރުކާރަށް ލިބޭ. އެހެންވީމާ އެކަހަލަ ފުރުސަތެއް ހޯދުމަށް އަޅުގަނޑުމެން މިމަސައްކަތް ކުރަނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަހީދު ވަނީ ޑުބާއީ އަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލްތައް ވެސް ނޫސްވެރިންނަށް ދެއްވައިފަ އެވެ. އެގޮތުން ޑުބާއީއަކީ ތަރައްގީގައި ރާއްޖެއިން ނަމޫނާއަކަށް ބަލަން ޖެހޭ ގައުމެއް ކަމަށާއި ޑުބާއީގެ ތަޖުރިބާތަކުގެ ފަންނީ އެހީގައި ރާއްޖެ އަށް ބޮޑު ތަރައްގީއެއް ހޯދިގެން ދާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ހަތަރު ދާއިރާއަކުން ރާއްޖެ އަށް ފަންނީ އެހީ ފޯރުކޮށްދިނުމަށް ޑުބާއީ ސަރުކާރާ އެކު މަޝްވަރާ ކުރައްވާފައިވާނެ ކަމަށާއި އެ ދާއިރާތަކަކީ އިންފޮމޭޝަން ޓެކްނޮލޮޖީ، ސިއްހީ ހިދުމަތް، ޕޯޓްސް އަދި މާލީ ދާއިރާ ހިމެނޭ ކަމަށެވެ.