ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން ގޮތެއްނިންމުމަށް އެޖެންޑާ ކޮށްފައިވާތީ، އެކަމަށް ދެކޮޅު ހައްދަވައި އެމްޑީޕީގެ މެންބަރުން ނަންގަވަން ފެއްޓެވި ނިޒާމީ މައްސަލަތަކުގެ ސަބަބުން މެންބަރުންގެ މެދުގައި ޒުވާބު އުފެދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.


ހެނދުނު 9 ޖެހި އިރު ޖަލްސާ ފެއްޓި ނަމަވެސް 9:25 ގައި ޖަލްސާ ހުއްޓާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން މިއަދުގެ ޖަލްސާ ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މެންބަރުންގެ ހިޔާލު އެއްގޮތް ކުރެވިގެންނޫނީ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެތީ އާއި އިތުރު އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެތީ ޖަލްސާ ނިންމަވާލެއްވީ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.


ހުސްވި ހަފްތާގެ ޖަލްސާތަކެކޭ އެއްގޮތަށް މިއަދުގެ ޖަލްސާ ވެސް ފެށުމަށް ފަހު އެޖެންޑާގައިވާ މައްސަލައާ ހިސާބަށް ނުދަނީސް މެންބަރުން ވަނީ ނިޒާމީ މައްސަލަތައް ނަންގަވަން ފައްޓަވައިފަ އެވެ. ފުރަތަމަ ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވީ އެމްޑީޕީ މެންބަރުންނެވެ. ކުރިއެކޭ ވެސް އެއްގޮތަށް އެ މެންބަރުން ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ގަވާއިދަށް އިސްލާހް ނުގެނެސް ވަޒީރުންނާ ބެހޭ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.


އެމްޑީޕީގެ މެންބަރުންގެ ތެރެއިން، ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން މަޖިލީހުގެ ގަވާއިދުގައިވާ ބައި އުނިވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ގޮތެއް ނިންމޭނީ ގަވާއިދަށް ބަދަލުގެނަސްގެން ކަމަށް މޫސަ ވިދާޅުވި އެވެ. އަދި މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހެއް އާއްމު ކޮމިޓީގައި މިހާރު އޮންނާނެ ކަމަށާއި މީގެ ކުރިން ވެސް އެފަދަ އިސްލާހެއް ހުށަހެޅިއްޖެ ނަމަ މަޖިލީހުގެ ތަޅުމަށް ފުރަތަމަވެސް ގެންނަނީ އެކަން ކަމަށާއި މިފަހަރު އެ މައްސަލަ ތަޅުމަށް ނުގެންނަންވީ ސަބަބެއްނެތް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


މޫސަ އަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންކޮށްފައި އެވަނީ ސުޕްރީމްކޯޓުގެ ހުކުމާ ގުޅިގެން ދެން އެކަން ކުރިއަށްގެންދާނެ ގޮތެއް މަޖިލީހުން ނިންމުމަށް ކަމަށެވެ. އަދި ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ)އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމާ ގުޅިގެން ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް މަޖިލީހުން ކަނޑައަޅަން ޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.


ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ވިދާޅުވީ، އެޖެންޑާކޮށްފައިވާ މައްސަލަ އަކީ ޕާޓީތަކުގެ ހިޔާލު އެއްގޮތްނުވެ ކުރިއަށް ގެންދެވޭނެ މައްސަލައަކަށް ނުވާއިރު އެ މައްސަލަ ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެޑާ ކުރެވިގެން ނުވާނެ ކަމަށެވެ. އަދި އެކަމުގައި ޕާޓީތަކުގެ ހިޔާލު އެއްގޮތްވާންދެން އެ މައްސަލަ "ޕާކް" ކުރުމަށް ފަހު އެހެން މައްސަލަތަކަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.


އަލްހާންގެ ވާހަކައަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުން އޮތްކަން ގައިމުވާ ކަމަށެވެ. އަދި ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުދިޔައީ، މި މައްސަލަ އެޖެންޑާ ނުކޮށްގެން ކަމަށާއި، މިހާރު ޖަލްސާ ކުރިއަށްނުގޮސްގެން މިއުޅެނީ އެ މައްސަލަ އެޖެންޑާ ކޮށްފައިވާތީ ކަމަށެވެ.


އެމްޑީޕީގެ މެންބަރުން ނެންގެވި ނިޒާމީ މައްސަލަތަކާ ގުޅިގެން އިދިކޮޅު ޑީއާރުޕީން ވެސް ނިޒާމީ މައްސަލަތައް ނަންގަވަން ފެއްޓެވި އެވެ. އެގޮތުން ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، މި މަސައްކަތަކީ، އެމްޑީޕީގެ މެންބަރުން ގައުމުގެ އެއްބާރު ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެއްވެސް މެންބަރަކަށް އެފުރުސަތު ނުދެއްވުމަށް ސުލޫކީ މިންގަނޑެއް އެކުލަވާލައި މެންބަރުންނާ މެދު ފިޔަވަޅު އެޅޭނެގޮތެއް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.


އަލީ ވަހީދަށް ޖަވާބު ދެއްވަމުން ޝާޙިދު ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތައް ހިމެނޭ "ވަރަށް ވަރުގަދަ ގަރާރެއް" ގަވާއިދެއްގެ ގޮތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ގަވާއިދުގެ މަސައްކަތް ކޮމެޓީން ނިންމައިގެން ގެނެސްގެން ނޫނީ މެންބަރުންނާ މެދު އަހުލާގީ ގޮތުން އަޅަންވީ ފިޔަވަޅުތަކެއް މަޖިލީގެ މިހާރުގެ ގަވާއިދުން ރިޔާސަތަށް ދީފައި ނުވާކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން ސުލޫކާ ބެހޭ ކޮމިޓީން އެ ގަވާއިދު އަވަސްކޮށްދެއްވުމަށާއި އެހެންނޫނީ މަޖިލީހުގެ ކަންތައްތައް ހަމައިން ނެއްޓިގެންދާނެ ކަމަށް ލަފަކުރެވޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.


އަލީ ވަހީދުގެ އިތުރުން ވެސް ޑީއާރުޕީގެ ގިނަ މެންބަރުންތަކެއް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެ ނިޒާމީ މައްސަލަ ނެންގެވި އެވެ. އެގޮތުން ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒް ވިދާޅުވީ، މީގެ ކުރިން ވެސް ވަޒީރުންނަށް މަޖިލީހުން ރުހުންދީފައި ވަނީ މަޖިލީހުގެ ގަވާއިދު 171 ވަނަ މާއްދާގެ (ވ)ގެ ދަށުން ނޫން ކަމަށެވެ. އެހެންކަމުން އެކަން ގަވާއިދުގައި ނުހިމަނައި މިހާރު ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދށާޅުވި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފައްޓަވާފައި މިވަނީ، މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިން ނަމަވެސް އެބޭފުޅުން މަގާމުގައި ދެމި ތިއްބަވާނެ ކަމަށް ވިދާޅުވެ، އެ މައްސަލަ ދޫކޮށްލެއްވުމަށް ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދު މެންބަރުންގެ ކިބައިން އެދިވަޑައިގެންފައި ވަނިކޮށެވެ. އަދި އެކަމަކީ ގަވާއިދާ ހިލާފްކަމެއް ކަމަށް އެމްޑީޕީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ކަމަށް ވަނީ ނަމަ ވޯޓުގައި ބައިވެރިވެވަޑައިނުގެން މަޑުމަޑުން ހިމޭނުން ތިއްބެވުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށް ވިދާޅުވެ، ހުކުރު ދުވަހުގެ ރޭޑިއޯ ހިތާބުގައި ރައީސް ނަޝީދު ވަނީ ވާހަކަދައްކަވައިފަ އެވެ.


 


------------------


ހަފުތާއެއްހާ ދުވަހަށް މެދުކަނޑާލާފައި އޮތުމަށް ފަހު، މިއަދު ހެނދުނު ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.


ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް، މިއަދު ޖަލްސާ ފެށީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް ފަހު އެވެ.


ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިދިޔަ ހުކުރު ދުވަހު ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގައި ސަރުކާރުގެ ޕޮޒިޝަން ދޫކޮށްލައްވާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވެފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމަކީ ރަމްޒީ ކަމެއް ކަމަށާއި ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނަސް، އެ ބޭފުޅުން މަގާމުގައި ތިއްބަވާނެ ކަމަށެވެ.


 


ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ހިޔާލު އެއްގޮތް ކުރެވޭ ތަން ނުފެންނަ ކަމަށެވެ.


9:23


ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ ގަވައިދަށް އިސްލާހު ހުށަހެޅިފައިވާ ކަމަށާއި ފުރަތަމަ ގެންނަން ޖެހޭނީ އެ މައްސަލަ ކަމަށެވެ.


ހޯރަފުށީ ދާއިރާގެ މެންބަރު އިށީދެނދެވަޑައިގަތުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް އޭނާ އިށީދެވަޑައި ނުގަންނަވައި ވާހަކަ ދައްކަވަމުން ދަނީ އެވެ.


 


ހުރިހާ މެންބަރުން ވެސް ވާހަކަ ދައްކަވަމުން ގެންދްވަނީ ނިޒާމީ ނުކުތާތައް ނަންގަވައިގެންނެވެ.


9:17


ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ، މަޖިލީހުން ހަމައެކަނި ކުރަން ޖެހޭ ކަމަކީ ވަޒީރުންނަށް ރުހުން ދިނުން ނޫން ކަމަށެވެ.


9:15


ގެމަނަފުށީ ދާއިރާގެ މެންބަރު ވިދާޅުވީ އެމްޑީޕީން މަޖިލިސް ކުރިއަށް ގެންދަން ބޭނުން ނޫން ކަމަށެވެ.


 


ކޯޅުންތަކާ" އެކު މަޖިލީސް ފަށައިފި އެވެ.