ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހިލޭ އަންހެނަކާ އެކު ނަހަމަ ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯގެ މައްސަލައަކީ "ދޮގު ވީޑިއޯއެއް" ކަމަށް ޖޭއެސްސީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލާ ދާއިރާގެ މެންބަރު ވިދާޅުވި މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ރައްޔިތުން މަޖިލީހުގެ ކޮމިޓީ އަށް އިއްޔެ ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ
މިއަދު ސަން އަށް ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހިލޭ އަންހަނަކާ އެކު ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގާ ކަމަށް ބުނާ "ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ" ފުލުހުންނާއި ޖޭއެސްސީން ބަލަމުން ދަނިކޮށް، އަދި އެ މައްސަލަ "ވަކި ގޮތަކަށް ނުނިމި ވަނިކޮށް" ގާސިމް އެގޮތަށް ވާހަކަ ދެއްކެވުމަކީ އޭނާ ވަކި އަތަކަށް ޖެހިވަޑައިގެން ހުންނެވިކަން ސާބިތުވާކަމެއް ކަމަށެވެ.

އިމްތިޔާޒު ފަހްމީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ގާސިމު އިންނަވައިގެން އެ ކޮމިޝަންގެ ގާނޫނާ ހިލާފަށް ޖޭއެސްސީގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި އިންސާފުވެރިކަން ގެއްލޭ ކަމެއް ކަމަށެވެ.

ފަނޑިޔާރުގެ "ވީޑިއޯ" ދޮގު ވީޑިއޯއެއް ކަމަށް ގާސިމް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތ. ހިރިލަންދޫގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމު ތުހުމަތު ކުރެއްވީ އެ ވީޑިއޯއަކީ ހަމީދު ބްލެކްމެއިލް ކުރުމަށް ބަޔަކު ރާވައިގެން ހިން ކަމެއް ކަމަށެވެ.