ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް "ފުޅާ ކޯލިޝަން"ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެއްސެއްގައި ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަނީ އެ މަނިކުފާނު ނިސްބަތްވާ ގައުމީ އިއްތިހާދު ޕާޓީގެ ސައްހަކަމާ މެދު ބަޔަކު ސުވާލު އުފައްދާތީ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން އެ މައްސަލަ ނުނިންމާ އޮއްވައި ޕާޓީގެ ފަރާތުން ކުރިމަތިއްލަވައިފި ނަމަ، ރައީސް ވަހީދަށް ހުރަސްއަޅަން ބޭނުންވާ މީހުންގެ މަޅީގައި ޖެހެވުނީ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޕާޓީއާ ދޭތެރޭ ސުވާލު އުފައްދާފައި މިއޮތީ. އެ މައްސަލަ ވާނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި. ސުޕްރީމް ކޯޓުން އަދި ވަކިގޮތަކަށް ނުނިމޭ. ނުނިމި އޮއްވާ އަޅުގަނޑު ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައިގެން އެއާ މެދު އަނެއްކާ ސުވާލު އުފައްދާ، އަޅުގަނޑު ކުރިމަތި ނުލެވޭ ގޮތައް ހެދުމަށް ބަޔަކު މަސައްކަތްކުރަމުންދޭ. އެހެންވީމާ އެޓްރެޕް (މަޅި) ގައި އަޅުގަނޑު ޖެހޭކަން ނެތިން. " ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ އެހެންކަމުން އެމަނިކުފާނު ނިންމަވާފައި ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކަމަށެވެ.

އަދި މިކަމަށް ބޭނުންވާ ސޮއި ހޯދުމަށް ފޯމު ހިއްޕަވައިގެން މަގުމައްޗަށް ނުކުންނަވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު މިގަސްތުކުރަނީ ފޯމު ހިފައިގެން މަގުމައްޗަށް ނުކުންނަށް. އަޅުގަނޑު ގޭގެއަށް ދާނަން. ކުރިއަށް ދެދުވަހެއްގެ ތެރޭގައި އަޅުގަނޑު ފޯމު ހިފައިގެން. މިމަގާމުގައި އިތުރު ޓާމެއް އަޅުގަނޑު ހުންނަން އެދޭ މީހުން އޭގައި ސޮއިކުރުމަށް އެދިގެން. އެހެންވީމާ އެގޮތަށް އަޅުގަނޑު މަސައްކަތްކުރަން ގަސްތުކުރަނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަކަށް ކުރިމަތިލާ ނަމަ، އެކުރިމަތިލާ ކެންޑިޑޭޓަކު ކުރިމަތިލާކަމުގެ ފޯމާއެކު 1500 މީހުންގެ ސޮއި ހޯދަން ޖެހެ އެވެ.

މީގެ ކުރިން ރައީސް ވަހީދުގެ ކޯލިޝަންގެ ރަނިންގް މޭޓުގެ ގޮތުގައި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ނަންފުޅު ވަނީ އިއުލާންކޮށްފަ އެވެ.