16 Jul 2013, 11:56
ދިމިޝްޤު (ޖުލައި 16): ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އެންމެ ބޮޑު ލަޝްކަރުކަމަށްވާ "ފްރީ ސީރިޔަން އާމީ" އިން އެޖަމާއަތުގެ ކޮމާންޑަރަކު މަރާލިކަމުގެ ތުހުމަތު އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އެހެން ޖަމާއަތެއް ކަމަށްވާ "ޢިރާޤް އެންޑް ޝާމް އިސްލާމިކް ސްޓޭޓް"ގެ މައްޗަށްކޮށްފި އެވެ.
މިޖަމާއަތަކީ އަލްޤާޢިދާއާ ގުޅުންއޮންނަ ޖަމާއަތެއްކަމަށްވެ އެވެ. "ފްރީ ސީރިޔަން އާމީ"ގެ ތަރްޖަމާނެއްކަމަށްވާ ލުއައްޔު މިޤްދާދު ވިދާޅުވީ އެޖަމާއަތުގެ އިސްކޮމާންޑަރެއްކަމަށްވާ ކަމާލް ޙާމީ އަވަހާރަކޮށްލާފައި ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްޤާއިދާއަށް ނިސްބަތްވާ "ޢިރާޤް އެންޑް ޝާމް އިސްލާމިކް ސްޓޭޓް" ޖަމާއަތުން ކަމުގަ އެވެ.
މިއީ ހަނގުރާމަ އިއްލާން ކުރުމުގެ ޢަމަލެއް ކަމަށާ މިކަމުގެ ސަބަބުން ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންގެ ދެމެދުގައި ވެސް ހަނގުރާމައެއް ފެށުމުގެ ބިރުއެބައޮތް ކަމަށް"ފްރީ ސީރިޔަން އާމީ"ގެ ތަރްޖަމާން ވިދާޅުވި އެވެ. ކަމާލް ޙާމީ އަކީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމާއަތްކަމަށްވާ "ފްރީ ސީރިޔަން އާމީ"ގެ އެންމެ އިސް 30 ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ތަޖްރިބާކާރު ޢަސްކަރީ އޮފްސަރެއް ކަމަށް ޚަބަރުލިބެ އެވެ.
އަނެއްކޮޅުން ސޫރިޔާގެ އެކިކަންކޮޅުތަކުގައި ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި 90 މީހަކު މަރުވެފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ސޫރިޔާގެ ޖަމާއަތެއް ކަމަށްވާ "ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިންބުނެފައިވެ އެވެ. މިޖަމާއަތުން ހާމަކުރާގޮތުގައި އިއްޔެ އެންމެ ގިނަމީހުން މަރުވެފައި ވަނީ ސޫރިޔާ ސިފައިންގެ ވައިގެ ބާރުތަކުން ދިމިޝްޤުގެ ދެކުނުގައިވާ ރަށްފުށުގެ ސަރަހައްދުތަކަށް ދިން ޙަމަލާތަކުގަ އެވެ. މިޙަމަލާތަކާ ގުޅިގެން އެސަރަހައްދުގައި ދިރިއުޅޭ ސޫރިޔާގެ އެތައް ސަތޭކަ ޢާއިލާއެއް ކުޑަކުދިންނާއި މުސްކުޅިންނާއެކު އެސަރަހައްދު ދޫކޮށް ރައްކާތެރި ތަންތަނަށް ރެފިއުޖީންގެ ގޮތުގައި ވަރަށް ޙާލުގައި ދަތުރު ކުރަމުންދާ ކަމަށްވެސް ޚަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)