ލޯކްލް ގަވާމެންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދު އައްޔަންކުރެއްވި ބައްދަލުވުމުގައި ހިނގާފައިވާ ހުރިހާ ކަންތައްތައް ބާތިލު ކުރުމަށް އެލްޖީއޭގެ ނާއިބް ރައީސް ސުޖާއު ހުސައިން އަނެއްކާ ވެސް ދައުވާ ކޮށްފި އެވެ.

ކުރިން އޭނާ ދައުވާ ކުރެއްވި މައްސަލަ ސިވިލް ކޯޓުން ބާތިލުކޮށްފައި ވަނީ ފަރުދީ ހައިސިއްޔަތުން ދައުވާ ކުރައްވާފައިވާތީ އެވެ. މިފަހަރު އޭނާ ދައުވާ ކުރެއްވީ އެލްޖީއޭގެ ނާއިބް ރައީސްގެ ހައިސިއްޔަތުންނެވެ.

ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅުއްވަމުން ސުޖާއުގެ ގާނޫނީ ވަކީލު ވިދާޅުވީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ ބައްދަލުވުމުގައި އެލްޖީއޭގެ ހިންގާ ގަވާއިދަށް ބަދަލުގެނެސް ރައީސަކު އައްޔަން ކޮށްފައި ވަނީ އެ އޮތޯރިޓީގެ ހިންގާ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެއީ ގާނޫނުން ބާރުލިބިގެން ހަދާފައިވާ ގަވާއިދުގެ އިމުގެ ބޭރުން ހިންގާފައިވާ ބާތިލް އިޖުރާއަތުތަކެއް ކަމަށް ކަނޑައަޅައި، އެ ބައްދަލުވުމުގައި ނިންމާފައިވާ ހުރިހާ ކަންކަމަކީ ތަންފީޒު ނުކުރެވޭނެ ކަންތައްތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން ބަންޑާރަ ނާއިބް އޮފީހުގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވާފަ އެވެ. އިޖުރާއީ ނުކުތާ ޝަރީއަތަށް ހުށަހަޅުއްވަމުން ބަންޑާރަ ނާއިބް އޮފީހުގެ ސްޓޭޓް އެޓާނީ މޫސާ އާލިމް ވިދާޅުވީ އެލްޖީއޭ އަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ދައުލަތުގެ މުއައްސަސާއެއް ކަމަށާއި އެލްޖީއޭގެ ނާއިބް ރައީސްގެ މަގާމަކީ ދައުލަތުގެ މަގާމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެލްޖީއޭ އަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި އޮންނަ ތަނެއް ނޫން ކަމަށާއި ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި އެލްޖީއޭ ތަމްސީލް ކުރަންޖެހޭނީ ބަންޑާރަ ނާއިބް ކަމަށެވެ. އެހެންކަމުން އެލްޖީއޭގެ ނާއިބް ރައީސްގެ ހައިސިއްޔަތުން އެ ދައުވާ ސުޖާއު ހުސައިން އަށް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ދައުލަތުން ވަނީ އެދިފަ އެވެ.

ދައުވާ ހުށަހެޅުއްވުމަށް ފަހު ސުޖާއު ހުސައިން ވަނީ ވަގުތީ އަމުރަކަށް ވެސް އެދިވަޑައިގެންފަ އެވެ. ވަގުތީ އަމުރުގައި އޭނާ އެދިވަޑައިގެންފައި ވަނީ މައްސަލަ ނިމޭގޮތަކުން އެލްޖީއޭ އިން ނިންމާފައިވާ ނިންމުންތައް ބާތިލު ވެގެން ހިގައިދާނެތީ، އެ މައްސަލައިގައި 209 ކައުންސިލެއްގެ ހައްގު ހިމެނިގެންވާތީ ސިވިލް ކޯޓުން އެ މައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން ޑރ. އާސިމް އެލްޖީއޭގެ ރައީސް ކަމަށް އައްޔަން ކުރަން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ހުރިހާ ނިންމުންތަކަކަށް އަމަލުކުރުން ފަސްކުރުމަށެވެ.