މިރޭ ފެށުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި 399 މަންދޫބަކު ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ތަރުޖަމާނު މުހައްމަދު ހަލީމު މިއަދު ވިދާޅުވީ ގައުމީ ކޮންފަރެންސްގައި ބައިވެރިވާ ގޮފިތަކުގެ މަންދޫބުން މާލެ އަންނަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ 35 ގޮތްޕަކުން އެ ކޮންގްރެންސްގައި ބައިވެރިވާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ނުކުރެވުމުގެ ސަބަބުން ގާތްގަނޑަކަށް 200 ގޮތްޕަށް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ދެ ވަނަ ގައުމީ ކޮންފަރެންސް މިރޭ ފެށުމަށް ހަމަ ޖެހިފައިވާ އިރު އެ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރާއި ނައިބު ލީޑަރުން އިންތިހާބުކުރާނެ އެވެ. އަދި އޭގެ އިތުރުން އެ ޕާޓީގެ އަސާސީ ގަވާއިދަށް ވެސް އިސްލާހް ހުށަހެޅޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަސާސީ ގަވާއިދަށް ގާތްގަނޑަކަށް 40 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކޮންފަރެންސް ކުރިއަށްދާނީ މިރެއިން ފެށިގެން މާދަމާގެ ނިޔަލަށެވެ.