16 Jul 2013, 10:55
އިޓާލިއަން ލީގުގެ ފިއޮރެންޓީނާގެ ތަރި ސްޓީވަން ޖޮވެޓިޗް އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ގެނައުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
ސިޓީގެ އާ ކޯޗަކަށް މަލާގާގެ ކުރީގެ ކޯޗު މެނުއެލް ޕެލެގްރިނީ ހަމަޖެއްސިފަހުން، އެ ކްލަބް ދޫކޮށް ކުރިން ގޮސްފައިވާ ދެ ފޯވާޑުން ކަމަށްވާ، މާރިއޯ ބަލޮޓެލީއާއި ކާލޯސް ޓެވޭޒްގެ ބަދަލުގައި އެ ކްލަބަށް އިތުރު ދެ ފޯވަޑުން ހޯދަން ސިޓީއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން، ސްޕެއިންގެ ސެވިއްޔާގެ ފޯވާޑް، އަލްވާރޯ ނެގްރެޑޯ ހޯދަން ކުރާ މަސައްކަތް ނާކާމިޔާބީއާ ގާތަށް ޖެހިފައިވާ އިރު ޖޮވެޓިޗް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސިޓީއާއި ފިއޮރެންޓީނާއާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، 23 އަހަރުގެ މޮންޓެނީގްރޯ ފޯވަޑް، ޖޮވެޓިޗްގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި މިހާރުވަނީ 23 މިއަލިއަން ޕައުންޑާއި އަދި ބޯނަސް 5 މިލިއަން ޕައުންޑާއެކު ޖުމްލަ 28 މިލިޔަން ޕްއުންޑް ސިޓީއިން ހުށަހަޅާފަ އެވެ.
ސެވިއްޔާގެ ސްޕެނިޝް ފޯވަޑް ނެގްރެޑޯގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި ސެވިއްޔާއިން 20 މިލިޔަން ޕައުންޑަށްވުރެ ބޮޑު އަގެއް ކިޔާފައިވާއިރު ސެވިއްޔާގެ ޕްރެޒިޑެންޓް، ހޯސޭ މާރިއާ ޑެލް ނީޑޯ ބުނެފައިވަނީ، އެކްލަބުން ހުށަހަޅާފައިވާ އަގު ނުދެއްކޭ ނަމަ ނެގްރެޑޯ ދޫކޮށް ނުލާނޭ ކަމަށެވެ.
"އެއްގޮތަކީ އަހަރެމެން ކިޔާފައިވާ އަގު ސިޓީއިން ދިނުން. އެނޫނީ ކުޅުންތެރިޔާ އަދި އިތުރު ތިން އަހަރު ދުވަހު ހުންނާނީ ސެވިއްޔާގައި،" ސެވިއްޔާގެ ޕްރެޒިޑެންޓް ބުންޏެވެ.