ކުރީގެ ރައީސް މުހައްމަދު ނަޝީދު މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިރު އެ މަނިކުފާނުގެ ރަނިން މޭޓަކަށް ގައުމީ ޔުނިވަސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުސްތަފާ ލުތުފީ ހަމަޖައްސަވައިފި އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ނަޝީދުގެ ރަނިންމޭޓަކަށް މުސްތަފާ ކަނޑައަޅުއްވައި ކޯޓުން ކުށުގެ ރެކޯޑް ސާފުކުރުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ މުސްތަފާގެ ނަންފުޅާ އެކު ނަޝީދުގެ ކެންޑިޑެސީ އިލެކްޝަންސަށް ހުށަހަޅާނީ އޭގެ ފަހުން ކަމަށެވެ.

ގާނޫނު އަސާސީގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތަކީ ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ މީހަކީ ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ. އަދި އެ މީހަކީ މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހެއް ކަމަށް ވާން ޖެހޭނެ ކަމަށެވެ. އަދި އުމުރުން 35 އަހަރުވެފައިވާ، ބުއްދި ސަލާމަތުން ހުރި މީހަކަށް ވުމުގެ އިތުރަށް އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައިވެގެން ނުވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޝަރުތަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ޝަރުތު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 24ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް އެދޭ މީހުން އެ މުއްދަތުގައި ފޯމް ހުށަހެޅުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސްގެ ނާއިބުގެ ކުށުގެ ރެކޯޑް ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން ކްރިމިނަލް ކޯޓުން ސާފުކުރަން ޖެހޭނެ ކަމަށެވެ. އަދި ރައީސް ކަމަށް ކުރިމަތިލާ މީހަކާއި އޭނާގެ ނައިބުގެ ދަރަންޏާއި ކުށުގެ ރެކޯޑް ޑިޕާޓްމަންޓް އޮފް ޖޫޑިޝަލް އެޑްމިނިސްޓްރޭޝަނުންނާއި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް އިން ސާފު ކުރަން ޖެހޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހަކު 40،000 ނަގުދު ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓަން ޖެހޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ ވޯޓު ނެގުން އޮންނާނީ އަންނަ ސެޕްޓެމްބަރު 7 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 އިން ފެށިގެން އެ ދުވަހު ހަވީރު 16:00 އާ ހަމައަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓުލައި ނިމޭތާ 30 މިނިޓް ފަހުން ކަމަށެވެ.

އެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ ސެޕްޓެމްބަރު މަހު 14 ވަނަ ދުވަހު ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.