ޤާހިރާ (ޖުލައި 16): ދިމުޤްރާތީ ގޮތުން މިސްރުގައި އިންތިޚާބުކުރި ފުރަތަމަ ރައީސް ޑރ. މުހައްމަދު މުރުސީ މަޤާމުން ދުރުކުރުމަށް އެގައުމުގެ ސިފައިން ގެނައި ޢަސްކަރީ އިންގިލާބަށް ފަހު އެމެރިކާގެ އިސްމަސްއޫލުވެރިއަކު ފުރަތަމަ ފަހަރަށް މިސްރަށް ޒިޔާރަތް ކުރައްވައިފި އެވެ.

އިންޤިލާބަށް ފަހު މިސްރުގައި އުފައްދާފައިވާ ވަގުތީ ސަރުކާރުގެ އިސްމަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ގާހިރާއަށް އިއްޔެ ވަޑައިގެންފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ވިލިޔަމް ބާންޒްއެވެ. ބާންޒް އިއްޔެ ވަނީ މިސްރުގެ ރައީސްކަމާ ވަގުތީ ރައީސް ޢަދްލީ މަންސޫރާއި ސިފައިންގެ ވެރިޔާ އަދި ދިފާޢީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ އާ ބޮޑުވަޒީރުކަމަށް އިޚްތިޔާރުކޮށްފައިވާ ޑރ. ޙާޒިމް އަލްބިބްލާވީ އާ ބައްދަލުކުރައްވައި މިސްރުގެ މިހާރުގެ ޙާލަތާބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުންތަކަށް ފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ބާންޒް ވިދާޅުވީ މިސްރުގެ ސިޔާސީ ވާދަވެރި ފަރާތްތަކުގެ ތެރެއިން ވަކިފަރާތަކަށް އެމެރިކާ ތާއީދު ނުކުރާކަމުގަ އެވެ. އަދި އެމެރިކާ ގެ މަޤްސަދަކީ މިސްރުގެ ހުރިހާ ފަރާތްތަކެއް ހިމެނޭގޮތަށް ޑިމޮކްރަސީ ދެމެހެއްޓުމަށް ކަމަށާއި ވަކިފަރާތެއްގެ ސިޔާސީ މަސްލަޙަތު ދެމެހެއްޓުމަށް ނޫންކަމަށް ބާންޒް ވިދާޅުވި އެވެ.

ނަމަވެސްމަޤާމުން ދުރުކޮށްފައިވާ ރައީސް ޑރ. މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސްވެރިއެއްކަމަށްވާ ޢިސާމް އަލްޢަރްޔާން ވަނީ މުރުސީ ވެރިކަމުން ދުރުކުރުމަށް މިސްރުގެ ސިފައިން ގެނައި ޢަސްކަރީ އިންޤިލާބަށް ނުސީދާގޮތެއްގައި އެމެރިކާ ތާއީދުކުރާ ކަމަށާ އަދި މިސްރުގައި ޑިމޮކްރަސީ ދެމެހެއްޓުމަށް އެމެރިކާ މަސައްކަތް ނުކުރާކަމަށް ވިދާޅުވެ އެމެރިކާއަށް ފާޑުވިދާޅުވެފަ އެވެ. ބޭންޒް ގާހިރާއަށް ވަޑައިގެން މިސްރުގެ ސިޔާސީ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކަށް ވެސް އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އެއްވެސް ލީޑަރަކަށް ދަޢްވަތު ދެއްވާފައިނުވާ ކަމަށް ޢިސާމް ވިދާޅުވި އެވެ.

އަނެއްކޮޅުން ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށް ހިންގި އެކިޙަރަކާތްތަކުގައި ފަރުދާގެ އަނެއްފަރާތުން އެމެރިކާ ނުރައްކާތެރި ދައުރެއް އަދާކޮށްފައިވާކަމަށް އެމެރިކާގައި ޝާއިޢުކޮށްފައިވާ ބައެއް މީޑޔާ ރިޕޯޓްތައް ވެސް ބުނެފައިވެ އެވެ. (އަލްޖަޒީރާ)