ޖަލްސާތައް ކުރިއަށް ގެންދެވޭ ވަރަށް ޕާޓީތަކުގެ ލީޑަރުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވެ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށް، ޖަލްސާތައް ފައްޓަވާނެ ކަމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.   


ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީ މެންބަރުން ހުރަސް އެޅުވުމުގެ ސަބަބުން ހުސްވި ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ވަނީ މެދުގަޑާލައިފަ އެވެ.


މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މިއަދު ވިދާޅުވީ،  ޖަލްސާތައް ކުރިއަށް ގެންދެވޭ ވަރަށް ޕާޓީތަކުގެ ލީޑަރުން މަޝްވަރާކުރެއްވި ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ގައުމުގެ މިފަދަ މުހިންމު މުއައްސަސާއެއް ހުއްޓިފައި އޮތުމަކީ، ރަނގަޅު ކަމެއް ނޫންކަން ފާހަގަ ކުރައްވަމުން އެންމެހާ ފަރާތްތަކުން މަޖުލީސް ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދެއްވުމަށް މަޖުލީހުގެ ރައީސް އިލްތިމާސް ކުރެއްވި އެވެ.


މަޖިލީހުގެ މާދަމާގެ ޖަލްސާއާ ބެހޭ ގޮތުން އިދިކޮޅު ޑީއާރުޕީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ، މާދަމާގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާތަނައް ވެސް މަޖުލިސް ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައި ވަނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ. އަދި އެކަމުގައި އެމްޑީޕީގެ ރޭވުމަކީ ކޮބައިކަން ނޭނގޭ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވަޒީރުންތަކެއް އައްޔަން ކުރައްވައި، ވަޒީރުންނަށް ރުހުން ދިނަސް ނުދިނަސް އެބޭފުޅުން  އެ މަގާމުތަކުގައި ތިއްބަވާނެ ކަމަށް ވިދާޅުވުމުން މަޖިލިސް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ފުރުސަތު ދޭނެކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.


މާދަމާގެ ޖަލްސާއާ ބެހޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުން މާދަމާގެ ޖަލްސާއިން ފެނިގެންދާނެ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން މީޑިޔާ އަށް އެއްވެސް މައުލޫމާތެއް ދެއްވަން ބޭނުންނުވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.