16 Jul 2013, 09:57
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ރޭ ޗައިނާ އަށް ފަށައިފި އެވެ.
ޗައިނާގެ ހަތަރު ވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީ، ޗިންޗޮން އިން ރޭ ރާއްޖެއައި މޯލްޑިވިއަންގެ ފްލައިޓުން ދަތުރުކުރި ޓޫރިސްޓުންނަށް މަރުހަބާ ދެންނެވުމަށް ޓަކައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އާއި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޫ ހޮންގްޔާއޮއާއި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް ހާރިސް އާއި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓްލާޖް އަބްދުލް ޢަޒީޒު ޔޫސުފްގެ އިތުރުން އެމްއޭސީއެލް އާއި މޯލްޑިވިއަންގެ އިސް ވެރިން ބައިވެރިވެ ވަޑައިގަތެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ފެށުމުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖެ އާއި ޗައިނާ އިތުރަށް ކައިރިވެގެން ދާނެ ކަމަށެވެ.
"ރާއްޖެ އިން އަބަދުވެސް ޗައިނާއާ ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރޭ. އަދި ޗައިނާގެ ފަރާތުން ރާއްޖޭގެ އިގްތިސާދާއި ސަގާފީ ކަންކަން ކުރިއެރުވުމަށް މީގެ ކުރިން ވެސް ވަނީ އަގު ނުކުރެވޭ ފަދަ އެހީތެރިކަމެއް ލިބިފައި،" ހާރިސް ވިދާޅުވި އެވެ. "މާލެ އާއި ޗޮންޗިންއާ ދެމެދު ހަފްތާ އަކު އެއް ފްލައިޓް މިހާރު ބޭއްވި ނަމަވެސް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެ އަދަދު ހަފްތާއަކު ދެ ފްލައިޓަށް އިތުރު ކުރުމަށް. އެގޮތުން ރާއްޖެ އާއި ޗައިނާއާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށުމަކީ، ޗައިނާ އާއި ރާއްޖެ އިތުރަށް ކައިރި ކުރުމަށް މޯލްޑިވިއަނުން ރާވާފައިވާ ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެއް."
ހާރިސް ވިދާޅުވީ، ޗައިނާ އަށް މޯލްޑިވިއަންގެ ދަތުރުތައް މިރޭ ފެށިއިރު އެންމެ ފުރަތަމަ އައި ފްލައިޓް ވެސް ރާއްޖެއައިސްފައި މިވަނީ، ފުލްބޯޑްކޮށް ކަމަށެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާ އަށް ފަށާފައިވާ އިރު އެ ފްލައިޓްގައި ބިޒްންސް ކުލާސް 14 ސީޓް، އިކޮނިމީ ޕްރިމިއަން 18 ސީޓު އަދި އިކޮނޮމީ 120 ކްލާސް ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި ވާކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ފެށުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެ، ފަތުރުވެރިކަމުގެ ދާއިރާއިންނާއި އިގްތިސާދީ ގޮތުން ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުންތައް އިތުރަށް ތަރައްގީވެގެން ދާނެ ކަމަށެވެ.
"ފަތުރުވެރިކަމުގެ މާކްޓްގައި ޗައިނާއަކީ ރާއްޖެ އަށް އެންމެ މުހިއްމު އެއް މަންޒިލް ކަމަށްވާއިރު، މޯލްޑިވިއަންގެ ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް ލިބިގެންދާނެ ބޮޑު ބާރަކަށް މިކަން ވެގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
ޗައިނާގެ ސަފީރު ޔޫ ހޮންގްޔާއޮ ވިދާޅުވީ، މިއަދަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޭވިއޭޝަންގެ ދާއިރާއިން އެއްބާރުލުން ދިނުމަށްޓައި ވަރަށް މުހިންމު އަދި ތާރީހީ މަސައްކަތެއް ފެށުނު ދުވަހެއް ކަމަށެވެ.
"ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން މިވަނީ މިއަދު ޗޮންޗިން އާއި މާލެއާ ދެމެދު ކާމިޔާބުކަމާ އެކު ދަތުރުތައް ފަށާފައި. މީގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު ޓޫރިޒަމް، ވިޔަފާރި، ސަގާފީ އަދި އެހެނިހެން ދާއިރާތަކުން ފާހަގަ ކުރެވެނިވި އެއްބާރުލުންތަކެއް ލިބިގެން ދާނެ،" ޔޫ ހޮންގްޔާއޮ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިން ކަމަށާއި އަދި މޯލްޑިވިއަންގެ ދަތުރުތައް ފެށުމުން އެ އަދަދު އިތުރުވެ ދެގައުމުގެ ރައްޔިތުންގެ މެދުގައި ވެސް އިތުރަށް ގުޅުން ބަދަހިވެގެން ދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.
"ދެ ހާސް ބާރަ ވަނަ އަހަރު ޗައިނާ އިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިވަނީ 230000އަށް އަރާފައި. އެއީ ރާއްޖެއައި ފަތުރުވެރިންގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި. އަދި މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިވަނީ 114000އަށް އަރާފައި. އެއީ 2011 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 56.1 އިންސައްތަ އިތުރުވުމެއް. އެހެން ކަމުން އަޅުގަނޑު އުންމީދު ކުރަނީ އަދި ގަބޫލު ކުރަނީ މޯލްޑިވިއަންގެ ދަތުރުތަކުގެ ސަބަބުން، މި އަހަރު ނިމެންވާއިރަށް ޗައިނާއިން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޖުމުލަ އަދަދު 300000އަށް އިތުރުވެގެން ދާނޭ ކަމަށް،" ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވި އެވެ.