ދައުލަތުގެ ބަޖެޓްގެ ދަރަނި ސަލާމަތްވަންދެން ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ 50 ޕަސެންޓް އުނިކުރަން ޖެހޭ ކަމަށާއި ސިޔާސީ މަގާމުތައް ވެސް މަދުކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ރައީސްގެ އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު 100،000ރ. އެވެ. އަދި މުސާރައަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.

ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސްގެ މުސާރައިގެ މައްޗަށް ނިސްބަތްކޮށް އެހެން މުއައްސަސާތަކުގެ ވެރިން މުސާރަ ކުޑަކުރެވޭތޯ، ޕީޕީއެމްގެ ސަރުކާރެއްގައި މަސައްކަތްކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ކުރީގެ ރައީސް ނަޝީދާއި މިހާރުގެ ރައީސް އުފައްދަވާފައިވާ އެޑްވައިޒަރުންނާއި އެކިއެކި ނަންނަމުގައި މިނިސްޓްރީތަކުގައި ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން އުޅުއްވަން ޖެހޭ ކަމަކަށް. އެކަމަށް ތާއީދުނުކުރެވެނީ މިހާރު އިގްތިސާދީ ހާލަތު ހުރި ގޮތުން. އެހެންވީމާ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ އިގްތިސާދު ރަނގަޅުކޮށް ޑެފިސިޓް ފިލުވަން ޖެހޭ. ކިތަންމެ ވަރަކަށް އާމްދަނީ ހޯދުމާއެކީގައި ވެސް އެއީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓުނަ ނުދިނުމަށް ބަޖެޓްގެ ދަރަނި ކުޑަކޮށް ދައުލަތުގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރުން މިހާރަށް ކުރެވެނެ ކަމަކީ ދިވެހި ރުފިޔާގެ އިތުރަށް ވެއްޓުނަ ނުދިނުން. އެކަމަކު އަދި ނޭނގެ ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޑޮލަރު އަގު ދަށްވެގެން ދާނީ ކިހާވަރަކަށް ކަމެއް. އެމްޑީޕީން ކުރާ ކަހަލަ ވައުދެއް އަޅުގަނޑެއް ނުވާނަން. ތަކެތީ އަގު އުފުލިގެން ދިޔައިމާ ކުޑަކުރަން ފަސޭހަ ނުވާނެ. އޭގެ ބަދަލުގައި އާއްމުންނަށް ލިބޭ އާމްދަނީ އިތުރުކުރަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ޑޮލަރުގެ އިތުރަށް ކަންފަތިވެގެން ދިޔަ ނުދިނުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރާނަން."

"އެހެންވީމަ މިކަންކަން ކުރުމަށް ޓަކައި މިދެ އަހަރާ ހަމަޔަށްދާ އިރު މިކަންކުރުމަށް އެބަ ލާޒިމްވޭ. އެކަމަކު މިއަކުން ސިވިލްސާވިސްގައި ތިބި މުވައްޒަފުންނާއި އާދައިގެ މުސާރަތަކުގައި ތިބި މީހުންނަށް އެއްވެސް އަސަރެއްކުރާކަށް ނުޖެހޭ. އެ މުވައްޒަފުންގެ ތެރެއިން އަޅުގަނޑުމެން މި ވިސްނަނީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގައި ތިބި ފަންނީ މީހުންގެ މުސާރަތައް މިހާރަށް ވުރެ ރަނގަޅުވާން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ހަރަދުކުޑަކުރާއިރު ސިޔާސީ މަގާމުތަކުގެ މުސާރަ އާއި އަދަދު ކުޑަކުރުން ހިމެނޭނެ ކަމަށެވެ. އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ވެސް ބެންޗްމާކް ކުރެވެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 50 ޕަސެންޓް ކުޑަކުރާއިރު އެހެން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން އެކަންކުރަން ބޭނުންވަނީ ކިހާވަރަކަށްތޯ ބަލަން ޖެހޭ. އަދި ހަމައެގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ވެސް ރައްޔިތުންނަށް ގަބޫލްކުރެވޭ ވަރަށް ތިރިވެގެންދާން ޖެހޭ،" މުލަކު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރާ އިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިއްބެވި ބޮޑެތި މުސާރަ ލިބޭ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މުސާރަ ވެސް ކުޑަވާން ޖެހޭ ކަމަށެވެ.

"މުސާރައިން އުނިވާ އަދަދަކީ ހަމަ ބޮޑު އަދަދަކަށްވެގެންދާނެ. ދެން އެހެން މުއައްސަސާތައް ވެސް ބެންޗްމާކްވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ނަންގަވާ މުސާރައަކަށް ބިނާވެގެން،" ޔާމީން ވިދާޅުވި އެވެ. "އޭގެ މާނައަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ 50 ޕަސެންޓް އުނިވާއިރު އެހެން ބޭފުޅުންގެ މުސާރަ އެ މިންވަރަށް އުނިވެގެންދަނީ އެއްނޫން. އެކަމަކު އެކަށީގެންވާ އެއްޗެއް އުނިކުރަން އެ ބޭފުޅުން ވެސް ތައްޔާރަށް ތިއްބަވަންވާނީ."

އޭނާ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރުފިޔާގެ އަގު އިތުރަށް ވެއްޓުނަނުދެއްވާނެ ކަމަށެވެ. އަދި ތަކެތީގެ އަގު އިތުރަށް ބޮޑުވިޔަ ނުދީ ހިފެއްޓުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނުވަދި ހާސް ވަޒީފާ އުފައްދާއިރު ގެންގުޅޭނެ ސިޔާސަތަކީ ކޮބައިތޯ ދެންނެވުމުން ޔާމީން ވިދާޅުވީ އޭގެ ތެރެއިން އެއްބައި އަންނާނީ ޓޫރިޒަމްގެ ތެރެއިން ކަމަށެވެ.

"ފަސް އަހަރެއްގެ ވައުދެއްގެ ވާހަކަ މި ދައްކަނީ. ހަމަ އަލަށް ތަރައްގީކުރާ ޓޫރިސްޓް ރިސޯޓްތަކުން 26،000 ވަޒީފާ އުފައްދާނީ. ދެން އަޅުގަނޑުމެން އުފައްދާ އެހެން ވަޒީފާތައް އަންނަނީ އެހެން ސިނާއަތްތަކުން. މިސާލަކަށް ހަމަ ޓޫރިޒަމަށް ގުޅުން ހުރި އެހެން ސިނާއަތްތަކެއް އެބަހުރި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމަނާފައި،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާ އިތުރުކުރުމުގެ ގޮތުން ޕެސެންޖާ ޓާމިނަލެއް ޓޫރިސްޓުންނަށް އަމާޒުކޮށްގެން ގާއިމުކުރުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ތެޔޮ ފެނޭތޯ ބެލުމާއި ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ޒުވާން ވިޔަފާރިވެރިޔާ އުފައްދަވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވޭ ޒުވާން އެންޓަޕްރިނިއާސްތަކެއް ތައާރަފްކުރަން. އެއީ ކޮންމެ އަހަރެއްގެ ބަޖެޓްގެ ތެރެއިން ވަރިވަރަކަށް ފައިސާ ކަނޑައަޅައިގެން ޒުވާނުން އޭގައި ހިމެނޭ ގޮތަށް ވަޒީފާގައި ވެސް އަދި ވިޔަފާރިކުރާ މީހުންގެ ތެރޭގައި ވެސް ޒުވާނުން ހިމެނޭ ގޮތަށް ވަޒީފާތަކެއް އުފައްދަން ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.


ޔާމީން ވިދާޅުވީ ޓޫރިޒަމް ދާއިރާ ފިޔަވައި ތައާރަފްކުރާ އެހެން ސިނާއަތްތަކުން ފަސް އަހަރުގެ ތެރޭގައި އިތުރު 60،000 ވަޒީފާ އުފެއްދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ފުރުސަތުތަކެއް އުފައްދައިދޭން. އޭގެ ފަހުން ދިވެހިން މި ފަންނުތަކަށް ނެރެން އާދައިގެ ފެންވަރެއްގެ ތަމްރީނުތަކެއް ދޭން. އަޅުގަނޑުމެން މި ވިސްނަނީ ޔުނިވާސިޓީ ޑިގްރީ ހޯލްޑަރުންނަކަށް ނޫން. މި ވިސްނަނީ މިހާރު އާދައިގެ ތައުލީމެއް ހޯދައިގެން ހުންނަ ކުއްޖަކާ އަށް ވެސް ނުވަތަ އެއްވެސް ކަހަލަ މަދަރުސީ ތައުލީމެއް ނުނިންމާ ކުދިންނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގައިގެން ފުރުސަތުތަކެއް ހޯދައިދޭން،" އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އިމާރާތްކުރުމުގެ އިންޑަސްޓްރީ މިހާރުގެ ޒުވާނުންނަށް ގަބޫލުކުރެވޭ ގޮތަށް ވައްޓަފާޅި ބަދަލުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މަސައްކަތުގެ އަގާއި ހޭދަވާ ވަގުތު ވެސް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އާދައިގެ ތަމްރީނާއެކު އަދި ހޮޓެލް ސްކޫލް ސަރަހައްދީ ފެންވަރަށް ތަރައްގީކުރުމުން ވަޒީފާއަށް ނުކުންނަ އަދަދު އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކީ ވަޒީފާގެ ފުރުސަތުތަކެއް އިތުރުކުރުން،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް ދާއިރާފުޅާކުރުމުގެ ގޮތުން ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި މާލޭ އެއާޕޯޓުގައި އިތުރު ރަންވޭއެއް އަޅާނެ ކަމަށެވެ.

"އޭގެ ބޭނުމަކީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން އަމާޒުކުރަން ބޭނުންވަނީ ގާތްގަނޑަކަށް ފަސް މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް. އެހެންވީމަ އިތުރު ރިސޯޓްތަކެއްގެ އިތުރުން އެއާޕޯޓުގައި އިތުރު ވަޒީފާތަކެއް އުފެދި ކޮންސްޓްރަކްޝަން ދާއިރާއަށާއި ޒުވާން ވިޔަފާރިވެރިޔާ އުފެއްދުމުން 90،000 ވަޒީފާ އުފެދިގެން އަންނާނެ ކަމަށް،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒުވާނުންނަށް ވަޒީފާތަކެއް އިތުރުކުރުމުގެ ބޭނުމަކީ ޒުވާނުން ކުށަށް އަރައިގަތުން ދުރުކުރުމަށް ކަމަށެވެ.