ކުރީގެ ރައީސް މުހައްމަދު ނަޝީދު އުމްރާއަކަށް ވަޑައިގަތުމަށް ސްރީލަންކާ އަށް ވަޑައިގެން ދެތިން ދުވަހު އެ ތަނުގައި ހުންނެވުމަށް ފަހު އަދި ފަހުން މެލޭޝިޔާ އަށް ވަޑައިގަތުމަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

ނަޝީދު މެލޭޝިޔާ އަށް ވަޑައިގަތީ ސްރީލަންކާގައި ހުންނަ ސައުދީ އެމްބަސީ އިން ވިސާ ހޯއްދެވުމަށް ހުރަސްތަކެއް ދިމާވުމަށް ފަހު އެވެ. ނަމަވެސް ދިވެހި ސަރުކާރު މެދުވެރިކޮށް ނަޝީދަށް ސައުދީ އެމްބަސީން ފަހުން އެންގީ ވިސާގެ މައްސަލަ ހަމަޖެހިފައިވާ ކަމަށާއި ވީސާ ޖެއްސުމަށް ޕާސްޕޯޓް ފޮނުވުމަށެވެ.

މިރޭ މާލެ ވަޑައިގަތީ އުމްރާ ދަތުރުފުޅު ކެންސަލްކުރައްވާފައިތޯ ނޫސްވެރިޔަކު ނަޝީދު އަރިހު ދެންނެވުމުން ވިދާޅުވީ އުމްރާގެ އަޅުކަމަކީ އެމަނިކުފާނުގެ އަމިއްލަ ކަމެއް ކަމަށާއި އެކަމާ ސުވާލު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު މިރޭ ވެސް ވިދާޅުވީ އެމަނިކުފާނުގެ ރަނިންމޭޓްގެ ކަންތައް އޮތީ ހަމަޖެހިފައި ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއްކަން ވިދާޅުވުމަށް ވަނީ އިންކާރު ކުރައްވައިފަ އެވެ.