ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އޭނާގެ ބައްޕަ މިރޭ ފުލުސް އޮފީހަށް ހާޒިރުކުރުމުން ހަނުހުރުމުގެ ހައްގެ ބޭނުން ކުރައްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދުގެ ބައްޕަ، ހދ. ކުޅުދުއްފުށީ ބަނދަރު މުހައްމަދު ވަހީދު މިރޭ 10:30ގައި ފުލުސް އޮފީހަށް ހާޒިރު ކުރުމުން ފުލުހުންގެ އެއްވެސް ސުވާލަކަށް ޖަވާބުނުދެއްވައި ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައިވާ ކަމަށެވެ.

"ހދ. ކުޅުދުއްފުށީ ބަނދަރު، މުހައްމަދު ވަހީދު މިރޭ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހާޒިރުކުރުމުން އޭނާ ވަނީ ފުލުހުންގެ ސުވާލުތަކަށް ޖަވާބުނުދެއްވައި ހަނުހުރުމުގެ ހައްގެ ބޭނުން ކުރައްވާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އަލީ ވަހީދުގެ ބައްޕަ ފުލުސް އޮފީހަށް ވަޑައިގަތީ ގާނޫނީ ވަކީލަކާ އެކު އެވެ. އޭނާއާ އެކު އަލީ ވަހީދު އާއި ފުޓުބޯޅަ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) އާއި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސުޖާއު ވެސް ވަޑައިގަތެވެ.

ބައްޕަ ފުލުސް އޮފީހުން ނުކުމެވަޑައިގަތުމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ "ކުރާ ތުހުމަތެއް ކުރަނީ" އޭނާ އަށް ކަމަށާއި ނަމަވެސް ދެ އަހަރުވެގެންދާ އިރު ތަހުގީގުކުރާ އެއްވެސް އިދާރާއަކަށް އޭނާ ހާޒިރުކޮށްފައި ނުވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާ އަށް "ތުހުމަތެއް ކުރަންޏާ" އެ މައްސަލައެއް ވީހާ ވެސް އަވަހަކަށް ބަލައި ނިންމައިދިނުމަށް އެދޭ ކަމަށެވެ.

"އެބުނާ ތުހުމަތެއް ކުރަނީ އަޅުގަނޑަށް. އެކަމަކު މިހާރު ދެ އަހަރުވި އިރު އަޅުގަނޑަކަށް ނުކިޔާ އެއްވެސްތާކަށް. އޭސީސީ އަކަށް ވެސް އަދި ފުލުހަކަށް ވެސް. އަލީ ވަހީދަށް މި ތުހުމަތު ކުރަނީ. އެހެންވީމަ އަޅުގަނޑު އެދެން އަޅުގަނޑަށް ޗިޓު ފޮނުވާދޭން އަޅުގަނޑަށް ތުހުމަތެއް ކުރަންޏާ. އަދި ވީހާ އަވަހަކަށް މައްސަލަ ބަލައި ނިންމައިދޭން،" އަލީ ވަހީދު ވިދާޅުވި އެވެ.

ގޯޗެއް ބައްލަވައިގަތުމާ ބެހޭ ގޮތުން ބައްޕައާ އެއްވެސް ސުވާލެއް ކުރެއްވިތޯ އެއްސެވުމުން އަލީ ވަހީދު އެ ސުވާލަށް ޖަވާބުދެއްވާފައެއް ނުވެއެވެ. އެ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ އޭނާ އަށް ހީވާގޮތުގައި ވަރަށް ގިނަ ގޯތި ބައްލަވައިގަނެގެން މައްސަލަ ނުބެލޭގޮތަށް އުޅުއްވަނީ އިލްޔާސް އިބްރާހީމް ކަމަށެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އަލީ ވަހީދުގެ ބައްޕަ މުހައްމަދު ވަހީދު ފުލުސް އޮފީހަށް ހާޒިރު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

ސަން އަށް ކަށަވަރު ވެފައިވާ ގޮތުގައި ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުންގެންދާ މައްސަލަ އަކީ އަލީ ވަހީދުގެ މަންމަ 7.9 މިލިއަން ރުފިޔާ އަށް 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މާލެއިން ގޯއްޗެއް ބައްލަވައިގެންފައި ވާތީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ބަލަމުންގެންދާ މައްސަލައެކެވެ.

ސަން އިން ކުރިން ކުރި ސުވާލެއްގެ ޖަވާބުގައި އަލީ ވަހީދުގެ މަންމަ އއ. ތޮއްޑޫ ހަނީމޫން ޒުހުރާ އަބްދުﷲ ޒުހުރާ ކުރިން ވިދާޅުވެފައި ވަނީ މާލެ އިން ގޯއްޗެއް ބައްލަވައިގަތީ އަމިއްލަ އާމްދަނީން ލިބޭ ފައިސާއަކުން ނޫން ކަމަށާއި އެ ގޯއްޗަކީ އަލީ ވަހީދުގެ ބައްޕަ ބޯޓް ދަތުރުކުރައްވައިގެން ހޯއްދަވާފައިވާ ފައިސާ އިން ބައްލަވައިގެންނެވި ގޯއްޗެއް ކަމަށެވެ. އެއީ އަލީ ވަހީދު ދެއްވި ފައިސާއަކުން ބައްލަވައިގެންނެވި ގޯއްޗެއް ނޫން ކަމަށް ވެސް ޒުހުރާ ވަނީ ވިދާޅުވެފަ އެވެ.

އަލީ ވަހީދުގެ މަންމަ ޒުހުރާ އެހެން ވިދާޅުވި ނަމަވެސް އެ ގޯތި ބައްލަވައިގަތުމަށް ފައިސާ ދެއްކީ ޓެޕް ކޮންސްޓްރަކްޝަނުންކަމަށް އެނގޭ ފަދަ ލިޔުންތަކެއް އޭގެފަހުން ވަނީ އާންމުވެފަ އެވެ.

އަލީ ވަހީދުގެ މަންމަ މާލެ އިން ބައްލަވައިގަތް ގޯތީގެ އިތުރަށް އަލީ ވަހީދުގެ ދެކަނބަލުން ވެސް ހުޅުމާލެ އިން ބީލަމުގެ އުސޫލުން ދެ ބިމެއް ބައްލަވައިގަތެވެ. އެއިން ކޮންމެ ބިމެއްގެ އަގަކީ 4.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަލީ ވަހީދުގެ އަނބިކަނބަލުން ބައްލަވައިގެންނެވި ގޯތި ފައިސާ ނުދެއްކެވިގެން ވަނީ ކެންސަލްވެފަ އެވެ.