"ގައުމައިގެން ކުރިއަށް ކޯލިޝަނުން" އަދާލަތު ޕާޓީ ވަކިވެފައިވީ ނަމަވެސް އެ ޕާޓީގެ ގިނަ މެންބަރުން ވޯޓު ލިބިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ރާއްޖޭގެ އަޑުން މިރޭ ގެނެސްދިން "ޑރ. ވަހީދު ދިވެހި ރާއްޖޭގެ އަޑު" ޕޮރްގްރާމްގައި އެމަނިކުފާނު ވިދާޅުވީ އަދާލަތު ޕާޓީ ކޯލިޝަނުން ވަކިވި ނަމަވެސް އެ ޕާޓީގެ ގިނަ މެންބަރުން އަދި ވެސް އެމަނިކުފާނަށް ސަޕޯޓުކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ކޯލިޝަނާއި އަދާލަތާއި ދެމެދު މާ ބޮޑު މައްސަލައެއް ވެސް ނެތް ކަމަށެވެ.

"އަދާލަތުގެ ގިނަ ބޭފުޅުން އަދި ވެސް އަޅުގަނޑަށް ސަޕޯޓްކޮށް ވޯޓުދެއްވާނެ ކަމަށް އަޅުގަނޑު ގަބޫލުކޮށް ޔަގީންކުރަން. އަޅުގަނޑުމެންނާއި އަދާލަތާ ދެމެދު އަނެއްހެން މާބޮޑު މައްސަލައެއް އޮތީކީ ނޫން. އެނގިވަޑައިގަންނަވާނެ އަދާލަތު ޕާޓީގެ ވަރަށް އިސް ދެ ބޭފުޅުން ސަރުކާރުގެ އިސް ދެ މަގާމުގައި ކެބިނެޓްގައި ވެސް އެބަތިއްބެވި. އެހެންވީމާ އަޅުގަނޑުމެން ވަރަށް އެކީގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ،"

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމެވީ ޑިމޮކްކުރަސީ ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންފުޅުވާތީ ކަމަށާއި އަދި މިހާރު ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވި ބޭފުޅުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ އެމަނިކުފާނު ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ތިއްބެވި ކެންޑިޑޭޓުންނާ އަޅުއްވާ ބެއްލެވީމާ އެހެން ބޭފުޅުނަށް ވެސް އެނގިވަޑައިގަންނާވާނެ މީގެ ތެރެއިން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކޮބައިކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިމަތިލައްވައިގެން އުޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ކެންޑިޑޭޓު ކަމަށް އަޅުގަނޑުވާނެ ކަމަށް ގަބޫލުކުރާތީ އަޅުގަނޑު ވެސް ކުރިމަތިލައިގެން މި އުޅެނީ. އިރާދަ ކުރެއްވިޔާ އަޅުގަނޑަށް ފުލް ޓާމެއް ލިބޭތޯ ކުރިމަތިލައިގެން މި ހުރީ،"

އަދާލަތު ޕާޓީން "ގައުމައިގެން ކުރިއަށް ކޯލިޝަނުން" ވަކިވެފައި ވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ 97 ޕަސެންޓުގެ އަގުލަބިއްޔަތުން ކަމަށް އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން ވިދާޅުވި އިރު އެނިންމުން ނިންމުމަށް ބޭއްވި ޖަލްސާގައި ބައިވެރިވީ ކިތައް މެންބަރުން ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. އަދި އެ ކޯލިޝަނުން ވަކިވުމަށް ފަހު މީޑިޔާތަކަށް ސުވާލުކުރުމުގެ ފުރުސަތު ވެސް އަދާލަތުން ދީފައިނުވެ އެވެ.