އެއް ވަނަ ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި މިއަދު ސްރީލަންކާ އަތުން ބަލިވެ، ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަށް ސިލްވާ މެޑައްޔެއް ލިބިއްޖެ އެވެ.

މިއީ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ސިލްވާ މެޑައްޔެއް ލިބުނު ފުރަތަމަ ފަހަރެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ކުޅުނު ފައިނަލް މެޗުގައި ސްރީލަންކާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

މިއަދު މެޗުގެ ފުރަތަމަ ސެޓް ލަންކާގެ ޓީމުން ކާމިޔާބު ކުރީ 25-22 އިންނެވެ. ދެ ވަނަ ސެޓު ކާމިޔާބު ކުރީ 25-19 އިންނެވެ. އަދި ފަހު ސެޓް ލަންކާގެ ޓީމުން ކާމިޔާބު ކުރީ 25-23 އިންނެވެ.

މުބާރާތުގެ ބެސްޓް ލިބަރޯ ކުޅުންތެރިއަކަށް ގައުމީ ޓީމްގެ ޖުނައިދު ޢަބްދުﷲ ހޮވުނުއިރު އެންމެ މޮޅު ސްޕައިކަރަކަށް ހޮވުނީ ޢަލީ ހުޒާމް އެވެ.

މި މުބާރާތުގެ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުންވެސް ރާއްޖެ ވަނީ ލަންކާ އަތުން ބަލި ވެފައެވެ. އެހެން ނަމަވެސް މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރު ކޮށްފައި ވަނީ ނޭޕާލާއި އަފްގާނިސްތާން ބަލިކޮށް ގެންނެވެ.

ގައުމީ ވޮލީބޯޅަ ޓީމް މާލެ އައުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭގެ ވަގުތެއްގަ އެވެ.