އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި މިއަދު ހަވީރު ޑޭމް ސްޓައިލްއާ ވާދަކޮށް 21 ލަނޑުން އެމްއީކިޔޫ ފުރަތަމަ މެޗު ކާމިޔާބު ކުރިއި މިއަދުގެ ދެވަނަ މެޗު މިލާން ކްރިކެޓް ހަތަރު ވިކެޓުން ކާމިޔާބުކުރީ ލެޒާ ކާގޯ އެވެ.

ފުރަތަމަ މެޗް ޑޭމް ސްޓައިލްއާއި އެމްއީކިޔޫ ބައްދަލުކުރި މެޗުގައި ފުރަތަމަ އެމްއީކިޔޫ ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 91 ލަނޑުހެދި އެވެ. ޖަވާބުގައި ޑޭމް ސްޓައިލް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 70 ލަނޑެވެ. އެ މެޗްގައި އެންމެ ރަގަޅަށް އުކީ 19 ލަނޑަށް ދެ ވިކެޓްނެގި ޖިލްވާޒް ރަޝީދު އެވެ. އަދި އެންމެ ރަގަޅަށް ކުޅުނީވެސް 33 ލަނޑުހެދި ޖިލްވާޒް އެވެ.

މިއަދުގެ ދެވަނަ މެޗް މިލާން ކްރިކެޓް އެކަޑަމީއާއި ލެޒާ ކާގޯ ބައްދަލުކުރި މެޗުގައި މިލާން ކްރިކެޓް އެކަޑަމީ ކުޅެން އަރައި އަށް އޯވަރުގެތޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން ހަދާފައިވަނީ 86 ލަނޑެވެ. ޖަވާބުގައި ލެޒާ ކާގޯ ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 87 ލަނޑުހެދި އެވެ. އެ މެޗުގައި އެންމެ ރަގަޅަށް އުކީ 10 ލަނޑަށް ތިން ވިކެޓް ނެގި އާދަމް ނާސިފް އެވެ. އެންމެ ރަގަޅަށް ކުޅުނީ 33 ލަނޑުހެދި އިސްމާއިލް ސުވޭދު އެވެ.

އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި މާދަމާވެސް ދެމެޗް ކުޅެން ހަމަޖެހިފައިވެ އެވެ. އެގޮތުން ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސެންޓް ސްޕޯޓްސް ކްލަބާއި ހޮބީސްޓް އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ބްރޫޗްއާއި ޓީޖީއައި އެވެ.