ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ބޭނުންވާ ތެޔޮ ސަޕްލައިކުރަން އެސްޓީއޯ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.  


ދޮޅު އަހަރު ދުވަހުގެ މި އެއްބަސްވުމުގައި ސޮއިކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި އެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ހަސަން ޒާހިރެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ.


ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ކަރަންޓް ކުންފުނީގެ ޗެއާމަން ހަސަން ޒާހިރު ވިދާޅުވީ، ސްޓެލްކޯ އަށް ދުވާލަކު އެވްރެޖްކޮށް 180،000 ލީޓަރުގެ ތެޔޮ ބޭނުންވާ ކަމަށެވެ. އަދި އެ ކޮންޓްރެކްޓްގެ ދަށުން ކޮންމެ މަހަކު 66 މިލިއަން ރުފިޔާގެ ތެޔޮ އެ ކުންފުންޏަށް ސްޓެކްލޯއިން ސަޕްލައިކޮށްދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެސްޓީއޯ އިން ތެޔޮ ސަޕްލައިކޮށްދިނުމަށް ހުށަހަޅާފައި ވަނީ ރާއްޖޭގެ ބާޒާރުގައި މިހާރު ހުރި އަގަށްވުރެ އަގު ހެޔޮކޮށް ކަމަށްވާތީ، ކަރަންޓް ފީ އަށް އިތުރުކޮށްފައިވާ ފިއުލް ސާޗާޖު ކުޑަވެގެންދާނެ ކަމަށާއި ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.


މި އެއްބަސްވުމާ އެކު ގާތްގަނޑަކަށް 44 މިލިއަން ރުފިޔާ ސްޓެލްކޯގެ ތެޔޮ ބިލުން ސަލާމަތްކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.


އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ، ސްޓެލްކޯ އަށް އެ ކުންފުނިން ތެޔޮ ސަޕްލައިކުރާނީ ދުނިޔޭގެ ބަޒާރުގައި ތެލަށް އަންނަ އަގު ބެލުމަށް ފަހު ކަމަށެވެ. އެގޮތުން އެ ކުންފުނިން ހުށަހަޅާފައި ވަނީ ދުނިޔޭގެ ބާޒާރުގައި އެ ހަފުތާ ތެރޭގައި ހުންނަ އަގަށް ބަލާފައި ޖެހިގެން އަންނަ ހަފުތާގެ އަގު ކަނޑައަޅާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.


ސްޓެލްކޯއަށް ތެޔޮ ސަޕްލައިކުރުމަށް އެސްޓީއޯގެ އިތުރަށް ދެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ކުޑައަގެއް ހުށަހެޅީ ދުބާއީގެ ގަލާނާ ކުންފުންޏެވެ.


އެހެންނަމަވެސް، އެކުންފުންޏާ ކޮންޓްރެކްޓް ހަވާލުނުކުރީ، ޑޮލަރުން ފައިސާ ދައްކާ ގޮތަށް އެކުންފުނިން ހުށަހަޅާފައި އޮތުމުން ކަމަށާއި ބިޑް ޑޮކިއުމެންޓުގައި ވެސް ޑޮލަރުން ފައިސާ ނުދެއްކޭނެ ވާހަކަ ބަޔާންކޮށްފައި އޮންނާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި ރުފިޔާއިން ފައިސާ ދައްކާ ގޮތަށް އެކުންފުންޏަށް ހުށަހެޅި ނަމަވެސް، ގަލާނާ އިން އެކަން ގަބޫލު ނުކުރާ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.


އެހެންކަމުން ރުފިޔާއިން ބަލާކަމަށްވަންޏާ އެންމެ ކުރީގައި އޮތީ އެސްޓީއޯކަން އޭނާ ފާހަގަކުރެއްވި އެވެ.


ދިވެހި ފައިސާއިން ބަލާކަމަށް ވަންޏާ އަޅުގަނޑުމެންނަށް ބެލެވޭނީ ހަމަ އެއްވަނަ އަށް އޮތީ އެސްޓީއޯއޭ. [ރުފިޔާއިން ދެއްކުމަށް] އަޅުގަނޑުމެން ހުށަހެޅިން. އެހެން ނަމަވެސް އެ ބޭފުޅުންނަށް [ގަލާނާ ކުންފުންޏަށް] އެކަން ނުކުރެވުނު" ޒާހިރު ވިދާޅުވި އެވެ.


މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން ތެޔޮ ސަޕްލައިކުރަން ފަށާނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.