ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ އައިޕެޑް ވަގަށް ނެގި މައްސަލައިގެ ތުހުމަތާ ގުޅިގެން، ހުޅުލެ އާއި މާލެއާ ދެމެދު ދުއްވާ ފެރީއެއްގެ ކެޕްޓަންގެ ގައިގައި ތަޅައި މާރާމާރީ ހިންގުމުގައި މާޒް ސަލީމް ބައިވެރިވެފައިވާކަން ތަހުގީގަށް އެނގޭ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާޒް ސަލީމްގެ އައިޕެޑް ވަގަށްނަގައިގެން އުޅޭކަމަށް ބުނެ އޭނާ މައްސަލަ ހުށަހެޅުމުން ހާދިސާ ހިނގި ފެރީއަށް ފުލުހުންނަށް ދެވުނީ ނަސަންދުރާ ޕެލަސް ހޮޓަލާއި ދިމާލު ފާލަމަށް ފެރީ ކައިރި ކުރަނިކޮށް ކަމަށާއި އެވަގުތު ފާލަންމަތީގައި އިތުރު ބަޔަކާ އެކު މާޒް ސަލީމް ހުރި ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ފެރީދޯނި މާލެ ކައިރިކުރިތަނުން މާޒް ސަލީމާ އެކު ތިބި މީހުން އެދޯނީގައި ތިބި މީހުންގެ ހުއްދަ ނުހޯދައި އެއަށް އަރައި އޭގެ ކެޕްޓަންގައިގާ ތަޅައި މާރާމާރީ ހިންގާފައިވާ ކަމަށެވެ.

ފުލުހުން އެތަނަށް ދިޔައިރު ބަޔަކު ފެރީތެރޭގައި މާރާމާރީ ހިންގަމުން ދިޔުމުން އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެވަގުތު މާޒް ސަލީމް ވެސް ފެރީއަށްއަރައި ފެރީގެ ކެޕްޓަންގެ ގައިގައި ތަޅައި މާރާމާރީ ހިންގުމުގައި ބައިވެރިވިކަމަށް ފެރީގެ ފަޅުވެރިން ތަހުގީގުގައި ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ފެރީއަށްއަރައި ފެރީގެ ކެޕްޓަންގެ ގައިގައި ތަޅައި މާރާމާރީ ހިންގުމުގައި ބައިވެރިވިކަމަށް ފެރީގެ ފަޅުވެރިން ތަހުގީގުގައި ބުނެފައިވެއެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މާޒް ސަލީމް އާއި އޭނާއާ އެކު ފެރީއަށް ދިޔަ ފަސް މީހުން ފެރީގައި މާރާމާރީ ހިންގަންފެށުމުން އެހެން ކެޕްޓަނަކު އަރައި ފެރީ ދޯނި އެއްގަމު ތޮށިގަނޑުން ބޭރުކޮށްފައިވާ ކަމަށާއި އެއިރު އެތަނުގައިތިބި ފުލުހުން މަސައްކަތްކުރަމުންދިޔައީ މާރާމާރީ ހުއްޓުވުމަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މާޒް ސަލީމް އާއި އޭނާއާ އެކު ތިބި ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ފެރީދޯންޏަށްއެރި ކެޕްޓަން ދޯނި ބޭރުކުރަން ފެށުމުން އެކެޕްޓަނަށް ބިރުދައްކައި ބާރުގެ ބޭނުންކޮށް މަޖުބޫރު ކުރުވައިގެން ހުޅުލޭ ފަޅުތެރެއަށް ފެރީދޯނި ގެންގޮސް އައިޕެޑް ހޯދައިގެން އެނބުރި މާލެ އަންނަނިކޮށް ފުނަދޫއާއި ހިސާބު ކަނޑުމަތިން ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓަށް މުއްދަތު އިތުރުކުރަން ގެންދިޔުމުން މާޒް ސަލީމް ދޫކޮށްލި ނަމަވެސް އޭނާއާ އެކު ތިބި ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފެރީގައި ހިނގައިދިޔަ މާރާމާރީ ހުއްޓުވުމަށް މަސައްކަތް ކުރި ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މާރާމާރީ ހިންގުމުގައި އާއި މާރާމާރީ ހިންގަން ހިތްވަރު ދިނުމުގައި މާޒް ސަލީމް ބައިވެރިވެފައިވާ ކަމަށް ތަހީގީގަށް ގަބޫލުކުރެވޭ ކަމަށެވެ. ފެރީއަށް އަރައި ފެރީގެ ކެޕްޓަނާއިމެދު މާރާމާރީ ހިންގި މީހުންނަކީ މާޒް ސަލީމް ގެންދިޔަ ބައެއްކަން ވެސް މިހާތަނަށް ބެލިބެލުމުން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.