އިންޑިއާ އިން ރާއްޖެ އައި ބޯޓަކުން ގެނައި ގޮދަޑިތަކެއްގެ ތެރޭގައި ފޮރުވައިގެން 11.6 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި ކަމުގެ ތުހުމަތުގައި ރިޓާޔަޑް ކާނަލް ޝައުކަތު އިބްރާހީމް ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

އެ ގޮދަޑިތައް ރާއްޖެ އެތެރެކޮށްފައި ވަނީ، ސަން އަށް އެނގިފައިވާ ގޮތުގައި، ޖެޓް އިންޑިއާ މޯލްޑިވްސް އިންވެސްޓްމަންޓް ކުންފުނީގެ ނަމުގަ އެވެ.

އެ ކުންފުނީގެ އެއް ހިއްސާދަރަކީ ޝައުކަތެވެ. ދެ ވަނަ ހިއްސާދާރަކީ ރ. ރަސްމާދޫ، ބަހާރުގެ އަލީ އަޝްރަފް އެވެ. އޭނާ ވެސް ވަނީ ކުރިން ހައްޔަރުކޮށްފަ އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ޝައުކަތު 7 ދުވަހު ބަންދުގައި ބެހެއްޓުމުގެ ހުއްދަ ކޯޓުން ވަނީ މިއަދު ދީފަ އެވެ. އަދި އަޝްރަފު 10 ދުވަހު ބަންދުގައި ބެހެއްޓުމުގެ ހުއްދަ ވެސް ކޯޓުން ވަނީ ދީފަ އެވެ.

ކަސްޓަމްސް އިން ކުރިން ބޭއްވި ނޫސް ކޮންފަރެއްސެއްގައި ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ ކަސްޓަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އިންޑިއާ އިން އައި ބޯޓަކުން 11.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ މަހު 26 ވަނަ ދު ވަހު ކަމަށެވެ. އޭނާ ވިދާޅުވީ އެ ބޯޓު އިންޑިއާގެ ސޫތުކުޅީ ބަނދަރުން ރާއްޖެ އައުމަށް ފުރީ މިދިޔަ މަހު 19 ވަނަ ދުވަހު ކަމަށެވެ.

ޝަރީފް ވިދާޅުވީ އެބޯޓު މާލެ އައުމާ އެކު ބޯޓުން ގެނައި ތަކެތި ޗެކު ކުރި ހަތް ގޮދަޑީގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި 14 ޕެކެޓް ފެނިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެތަކެތީގެ ތެރޭ ހިމެނެނީ އެއް ކިލޯ ހެރޮއިން އާއި 10.6 ކިލޯ ހަޝިޝްއޮއިލް ކަމަށެވެ. ގޮދަޑީގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތް ގަނޑަކަށް 10 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ސްްޓޭޓް ބޭންކް އޮފް އިންޑިއާގައި އޮންނަ ޝީޝާގެ އެކައުންޓުން 18 މިލިއަން ރުފިޔާ ގެއްލުނު މައްސަލައިގައި މަކަރާއި ހީލަތް ހެދުމުގެ ދައުވާއެއް ވެސް ވަނީ ޝައުކަތާއި އަޝްރަފްގެ މަައްޗަށް އުފުލައިފަ އެވެ.