ނ. މާފަރު އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި ވަނީ ގާނޫނީ މައްސަލަތަކެއް ކުރިމަތިވުމުގެ ސަބަބުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ މާފަ އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިމުގެ މަސައްކަތް ހުއްޓިފައި ވަނީ އެ މަސައްކަތް ކުރުމަށް ކުރިން ހަވާލު ކުރިފަރާތަށް ސަރުކާރުން ދޭންޖެހޭ ބަދަލު ދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ އެއާޕޯޓް ހެދުމުގެ މަސައްކަތް ހަވާލު ކުރި ނޫން ހޮޓެލްސް އެންޑް ރިޒޯޓްސްއިން ސަރުކާރަށް ދައްކަން ޖެހޭ ހަތް މިލިޔަން ޑޮލަރު ދައްކާފައި ވަނިކޮށް އެ މަސައްކަތް އެ ކުންފުނީގެ އަތުން ސަރުކާރުން ނެގުމާއި ގުޅިގެން ސަރުކާރުން އެ ކުންފުންޏަށް ބަދަލު ދޭން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ. އެހެން ނަމަވެސް ސަރުކާރުގެ މާލީހާލަތު ހުރިގޮތުން އެހާ ބޮޑު އަދަދެއް، ދެއްކެން ނެތުމުން އެ މައްސަލަ ހައްލު ނުވަނީސް އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަސް ތަކެއް ދިމާވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނޫން ހޮޓެލްސް އެންޑް ރިޒޯޓްސްއާއި އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އަލުން މާފަރު އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލި ކަމަށާއި އަދި ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް އެންމެ ފުރަތަމަ ހަވާކުރި ފަރާތަށް ސަރުކާރުން ދޭންޖެހޭ ބަދަލު ދިނުމުގައި އަމަލު ކުރާނެ ވަކިގޮތެއް ނިމިފައި ނުވާތީ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

"އަލުން އަނެއްކާ ބިޑަށް ލައިގެން ދެ ވަނަ ބަޔަކު ކުރިމަތިލީ ނަމަވެސް އެބަޔަކާ އެކީގައި މުއާމަލާތުކުރަން ފަށައިގަތުމަށް އަޅުގަނޑުމެންނަށް ދަތިތަކެއް އެބަހުރި. އެއީ މަސައްކަތް ވަކި ހިސާބަކަށް ދާ ތަނުން ]ނޫން ހޮޓެލްސް އިން[ ކޯޓަށް ހިނގައްޖެއްޔާ އަނެއްކާ ވެސް ޕްރޮޖެކްޓް ފަހަތަށް ދިޔައީ. އެހެންވީމާ އާ ބަޔަކާ މަސައްކަތް ހަވާލުކުރުމުގެ ކުރީގައި ފުރަތަމަ ނިންމަންޖެހޭ މަސައްކަތް ފުރަތަމަ ކުރަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ. އެ މަރުހަލާ ނިންމާ ނުލެވިގެން މިއުޅެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ނޫން ހޮޓެލްސް އެންޑް ރިޒޯޓްސްއާއި ސަރުކާރާއި ދެމެދުގައިވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ނޫން ކަމަށާއި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޓީރިޒަމް މނިސްޓްރީއާއި ބަންޑާރަނައިބުގެ އޮފީސް ގުޅިގެން ކަމަށެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި މައްސަލަ ހައްލުވެ އަލުން އެއާޕޯޓްގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދުގެ ޕާޓީއަށް ނިސްބަތްވާ މެންބަރު ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް ވިދާޅުވީ ނ. މާފަރު އެއާޕޯޓްގެ މައްސަލައިގައި ސަރުކާރުން މާފަރު ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެއާޕޯޓްގެ މަސައްކަތް ކުރުމަށް ތަފާތު އެކި ތާރީހުތަށް ދީފައިވާ ކަމަށް މެންބަރު ޝަރީފް ވިދާޅުވި އެވެ. އެގޮތުން ކުރިން ޓްރާންސްޕޯޓް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރު ނާޒިމް، ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެކަމާއި ޑިފެންސް މިނިސްޓަރާއި ސުވާލު ކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މާފަރު އެއާޕޯޓްގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތުން އެއާޕޯޓްގެ މައްސަލައިގައި ޒިންމާ ނަގަން ޖެހޭ ފަރާތާއި މެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އެގޮތުން އެއާޕޯޓް މައްސަލައިގައި ސުވާލު ކުރަންވީ ޓްރާންސްޕޯޓް މިނިސްޓަރާތޯ ނުވަތަ ޓޫރިޒަމް މިނިސްޓަރާތޯ ނުވަތަ ބަންޑާރަ ނައިބާތޯ ސުވާލު އުފެދިފައިވާ ކަމަށެވެ. މީގެއިތުރުން ޝަރީފް ވިދާޅުވީ މާފަރު އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތުގެ ސަބަބުން މިހާރު ނ. މާފަރު އޮތީ ލޮލުން ކަރުނަ އަޅަން ޖެހޭ ހާލަތެއްގައި ކަމަށެވެ. އެހެން ކަމުން މާފަރު އެއާޕޯޓްގެ މައްސަލަ ހައްލު ކުރުމަށް، ކަމާއި ގުޅުން ހުރި ހުރިހައި ފަރާތެއް ކޮމެޓީއަށް ހާޒިރު ކުރުމަށް ޝަރީވް އެދިވަޑައިގެންނެވި އެވެ.

މިއަދުގެ ކޮމެޓީގައި މާފަރުގެ މައްސަލަ ނިންމަވާލައްވަމުން ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ މާފަރު އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގޮސް ލަސްވަމުންދާ ސަބަބު ހޯދުމަށްޓަކައި އެކަމާއި ގުޅުންހުރި ހުރިހައި ފަރާތްތަކެއް ކޮމެޓީ އަށް ހާޒިރު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ހާޒިރު ކުރާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.