ބްލެކް ފައުންޑޭޝަނުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހައް ހާއްސަކޮށްގެން އިންތިޒާމްކުރި، "އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބީކޭ ސްޓްރީޓް 2013"ގެ ކުޅުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ފަށައިފި އެވެ.

ތްރީ އޮން ތްރީ ސްޓްރީޓް ސޮކާ، މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މުބާރާތުގެ ޗީފް ގެސްޓް، ކުޅިވަރާބެހޭ ވުޒާރާގެ ނާއިބު އަބްދުﷲ ރިފާއު އެވެ. އަދި އެރަސްމިއްޔާތުގައި އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް ބައިވެރިވެ ވަޑައިގަތެވެ.

ހަ ގްރޫޕް، ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމް ހިމެނޭ ގޮތަށް ޖުމުލަ 24 ޓީމް ބައިވެރިކޮށްގެން ކުޅޭ އެ މުބާރާތް ރާވާފައިވާ ގޮތުން، ގްރޫޕް ސްޓޭޖްގައި ޕޮއިންޓް ހޯދުމަށްޓަކައި، ގިނަ ލަނޑުތަކެއް ޖަހައިގެން މޮޅުވުމުގެ އިތުރުން މެޗުތެރޭގައި ކުޅުންތެރިން ވަކިވަކިން އަދި ޓީމުއެކުގައި ނަމަވެސް ބޯޅަހިފައިގެން ދައްކާ ހުނަރު ތަކަށް "ޓެލެންޓް ޕޮއންޓް"ގެ ނަމުގައި ޕޮއިންޓެއް ލިބޭނެ އެވެ. އެގޮތަށް ދެވޭ ޕޮއިންޓް ދިނުމަށްޓަކައި، ބްލެކް އިން ކަނޑައަޅާ ތިން ފަނޑިޔާރުން މެޗު ހިނގަމުންދާވަގުތު އަބަދުވެސް މެޗު ބެއްލެވުމަށްޓަކައި ތިއްބަވާނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ "ސްޓްރީޓް ސޮކާ ޗެލެންޖް"ގައި ރެފްރީކަން ކުރައްވަނީ އެފްއޭއެމްގެ ރެފްރީންނެވެ. އަދި ފްރީސްޓައިލް ހުނަރުތައް ޖަޖުކުރެއްވުމަށްޓަކައި، ކަނޑައަޅާފައިވަނީ، އެފްއޭއެމްގެ މެޗް ކޮމިޝަނަރުން ކަމަށްވާ، މުހައްމަދު ޝާން، އަހްމަދު ފަސީހް އަދި ޝާހީ އަބްދުﷲ އެވެ.

މުބާރާތުގައި މިހާތަނަށް ޖުމުލަ ހަ މެޗު ކުޅެފައިވާއިރު، މުބާރާތް ހުޅުވި މެޗުގައި، ޖަމްބޯ ޖޫނިއާސް އަތުން 3-4 ން މޮޅުވީ ސްޓްރީޓް ބޯއީސް އެވެ. އަދި ދެވަނަ މެޗުގައި އެމްވީ ފްރެންޑްސް އަތުން 3-5ން މޮޅުވީ ޕިންކް ބިކާރިއަންސް އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޖުމުލަ 36 މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، މެޗުތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 2 މެޗު އަދި ރޭގަނޑު ދެމެވެ. ހަވީރުގެ މެޗުތައް 4:00ން 6:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު ރޭގަނޑުގެ މެޗުތައް ކުރިއަށް ގެންދާނީ 9:30ން 11:00އަށެވެ.

މުބާރާތުގައި އިއްޔެއާއި ރޭ ކުރިއަށް ގެންދިޔަ މެޗު ތަކުގެ ނަތީޖާއަށް ބަލާއިރު، އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު، ރިވަލްސާއާ ވާދަކޮށް 4-5ން މެޗު ކާމިޔާބު ކުރީ ކުޑަހެންވޭރު ބޯއީސް އެވެ. ދެވަނަ މެޗުގައި، އެލްޓީ ސްޓްރީޓް އަތުން 4-6ން މޮޅުވީ ގޫގީސް އެފްސީ އެވެ. އަދި ރޭ ކުޅުނު ދެމެޗުގެ ތެރެއިން އެލްޓީ ސުއިސައިޑްއާ ވާދަކޮށް 4-6ން މެޗު ކާމިޔާބު ކުރީ އެލްޕީ ބާސާ އެވެ. ދެވަނަ މެޗު، އެސްކޭއާރު އެފްސީއާ ވާދަކޮށް 4-6ން މެޗު ކާމިޔާބުކުރީ ސުޕަނޯވާ އެވެ.

ވަނަވަނައަށް އަންނަ ފަރާތްތަކަށް، ޖުމްލަ 20،000ރ ގެ ފައިސާގެ އިނާމާއި ޓްރޮފީއާއި މެޑެލް ހުށަހެޅިފައިވާ "އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބީކޭ ސްޓްރީޓް 2013"ގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްއެވެ. އަދި ކޯ ސްޕޮންސަރަކަށް ވައިޓް ޝޭޑް ހަމަޖައްސާފައިވާއިރު މުބާރާތުގެ އޮފިޝަލް ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ. ޕްރިންޓިން ޕާޓްނަރަކީ އައިޓީ ޓެކްސް އެވެ. އަދި އެޑް މީޑިއާ ޕާޓްނަރަކަށް ގޯމީޑިއާ ހަމަޖައްސާފައިވާއިރު މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.