15 Jul 2013, 16:12
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ފާއިތުވި ތިން މަސްދުވަހު ލިބުނު އާމްދަނީ 34 ޕަސެންޓް އިތުރުވެއްޖެ އެވެ.
ދައުލަތުގެ އާމްދަނީއާ ބެހޭ އިދާރާއިން މިއަދު ނެރުނު މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓްގައި ބުނެފައި ވަނީ ފާއިތުވި ތިންމަސް ދުވަހު ލިބުނު އާމްދަނީ ވަނީ ކުރިން ލަފާކުރި މިންވަރަށް ވުރެ 34.3 ޕަސެންޓް އިތުރުވި އިރު ކުރިން ލަފާކުރި މިންވަރަށް ވުރެ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ލިބުނު އާމްދަނީ ވެސް 34.1 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
މީރާއިން ބުނީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އާމްދަނީގެ ގޮތުގައި 4.66 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ލަފާކޮށްފައި ވަނީ މިދިޔަ ތިން މަހު ލިބޭނީ 1.60 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެ މުއްދަތުގައި 2.14 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އާމްދަނީއާ ބެހޭ އިދާރާއިން ބުނީ މިދިޔަ ކުއާޓަރުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުރިން ލަފާކުރި މިންވަރަށް ވުރެ ވިޔަފާރީގެ ފައިދާއިން ލިބުނު ޓެކްސް އިތުރުވުމުން ކަމަށެވެ. އޭގެ އިތުރުން ޓޫރިޒަމް ޖީއެސްޓީއާއި ބިމު ކުލި ލިބުނު މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ ކުރިން ލަފާކުރި މިންވަރަށް ވުރެ އިތުރަށް ވެހިކަލް ފީ އާއި ރެސިޑެންޓް ޕާމިޓް ފީ އަދި ރޯޔަލްޓީ ވެސް ވެސް ދައްކާފައިވާ ކަމަށެވެ.
މީރާއިން ބުނީ ބައެއް ދާއިރާތަކުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް އެއާޕޯޓް ސާވިސްޗާޖާއި ވިޔަފާރީގެ ހުއްދަ އާއި ޖޫރިމަނާ އާއި ބިން ވިއްކުމުން ދައްކަން ޖެހޭ ޓެކްސް އާއި ކުލީގެ މުއްދަތު އިތުރުކުރުމުން ދައްކަން ޖެހޭ ފައިސާ އަދި ރެވެނިއު ސްޓޭމްޕް ވިއްކައިގެން ލިބުނު އާމްދަނީ ލަފާކުރި މިންވަރަށް ވުރެ މަދުވެފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ފާއިތުވި ތިން މަސްދުވަހު ޑޮލަރުން ލިބުނު އާމްދަނީ 83.8 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެބައިކުޅައަށް ވުރެ ބޮޑު ބައެއް ލިބިފައި ވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީން ކަމަށް ވެސް މީރާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީން ބުނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 2.34 ބިލިއަން ރުފިޔާ ކަމަށެވެ.