15 Jul 2013, 15:34
އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ.
"ރަމަޟާން މަހުގެ އެންމެފުރަތަމަ ރޭ އައުމުން ޝަޢިތާނުންނާއި، އަޅުތަކުން މަގުފުރައްދާ ނުކިޔަމަންތެރި ޖިންނީން ކަސްތޮޅު އެޅުއްވޭނެއެވެ. ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވޭނެއެވެ. ނަރަކައިގެ އެއްވެސް ދޮރެއް ހުޅުވިފައެއް ނުހުންނާނެއެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވާލެއްވޭނެއެވެ. ސުވަރުގޭގެ އެއްވެސް ދޮރުކޮޅެއް ލައްޕައިލެވިފައެއް ނުވާނެއެވެ. ގޮވާލާމީހަކު ގޮވާލާނެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ. ކުރިޔަށްދާށެވެ. އޭ ނުބައިކަމަށް އެދޭ މީހާއެވެ. ހުއްޓޭށެވެ. މާތްﷲ އަޅުތަކުން ނަރަކައިން މުއްތިކުރައްވައެވެ. ރަމަޟާން މަހުގެ ކޮންމެރެޔަކު މިކަން މިގޮތަށް ހިނގައެވެ." (އައްތިރުމިޒީ: ކިތާބުއްޞައުމު)
ކައުސާހިބާގެ މިޙަދީޘްފުޅުގައި ޚާއްޞަ އުސްލޫބަކުން ބަޔާންކޮށްދެއްވާފައި އެވަނީ ރަމަޟާން މަހަކީ ރޯދަވެރީންނަށް އެބައިމީހުންގެ ޢަމަލުތަކުގެ ނިސްބަތުން އިޞްލާޙުވުމުގެ މައްސަރެއްކަމެވެ. ހެޔޮ އަމަލުތަކުގައި ކުރިއަރައި ދިޔުމުގެ މޫސުމެއް ކަމެވެ. ރަމަޟާން މަހަކީ ރޯދަވެރީންނަށްޓަކައި ހެޔޮކަމުގެ ވެއްޓެއްކަމެވެ. މިހެޔޮކަމުގެ މޫސުމުގައި ހެޔޮ ޢަމަލުގެ ގޮވާންކުރާ މީހުންނަކީ މާތްﷲ ގެ ރަޙުމަތްފުޅުން ސުވަރުގެއާ ގާތަށް އާދެވޭނެ މީހުންކަމެވެ. ނަރަކަޔާ ދުރަށް ދެވޭނެ މީހުންކަމެވެ. ރަމަޟާން މަހުގައި ތިމާގެ ނަފުސު އިސްލާޙުކުރަން މަސައްކަތް ކުރާ މީހުންގެ ކިބައިގައި ރަމަޟާން މަހުގެ ބަރަކާތް ޙާޞިލު ކުރެވުން އެކަށީގެންވާ ޝަޚްޞިއްޔަތެއް އުފެދިގެން ދާނެކަމެވެ.
ރަމަޟާން މަހުގައި ގިނަގިނައިން ޤުރުއާން ކިޔެވެއެވެ. މާތްﷲ ގެ ޙަޟުރަތަށް އަޅުކަން ކުރުމާއި، ޒިކުރު ތަސްބީޙަ، ތަހްލީލު ކިޔުން އިތުރުވެގެން ދެއެވެ. ރަމަޟާން މަހު މަދުން ކައިބޮއި ހެދުމާއި، ނިދި މަދުކުރުމާއި، މާއްދީ ތަކެއްޗާއި ކަންކަމާ މަޝްޣޫލުވުން މަދުކުރުމާއި، މިބާވަތުގެ ކަންކަމުން ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމެއް ކަމުގައި ވެއެވެ. އެރަޙްމަތުގެ މޫސުމުގައި ބަރަކާތުގެ ފެން ނެގޭނީ ތިމާގެ ނަފުސު އިސްލާޙުކުރަން މަސައްކަތްކުރާ މީހުންނަށެވެ. ރަމަޟާން މަހުގެ ފައިދާ ހޯދޭނީ ތިމާ އެމަހުގެ އަޅުކަމުގައި ހީވާގިވި މިންވަރަކުންނެވެ. އެމަހުގައިވާ ޖާދުވީ މާތްކަމަކާއި ބަރަކާތްތެރިކަމަކުން ނޫނެވެ.
އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވާ އެހެން ހަދީޡް ފުޅެއްގައިވެއެވެ.
"ތިޔަބައިމީހުން ރޯދަޔަށް ތިބޭއިރު ވިޔާނުދާ ވާހަކަ ދައްކައި އަޑުގަދަކޮށް ނަހަދާށެވެ. ރޯދަވެރިޔާއާ ދިމާޔަށް މީހަކު އެއްޗެހި ގޮވައިފިނަމަ ނުވަތަ މީހަކު އޭނާއާ އަރާރުންވާން އުޅެގެންފިނަމަ ބުނާށެވެ. ތިމަން މިހިރީ ރޯދައަށެވެ." (ބުޚާރީ: ކިތާބުއްޞައުމު)
އިތުރު ސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަގެ މި ޙަދީޡް ފުޅުން އެނގެނީ ރޯދައަކީ ހަމައެކަނި ކެއިންބުއިމުން އެއްކިބާވެގެން ހުރުމަށް ކިޔާ ނަމެއް ނޫންކަމެވެ. އަދި ކީއްތޯއެވެ. ރޯދަ ލާޒިމުކުރަނީ ބަދުއަޚުލާޤީ ކަންތައްތައް ދޫކޮށްލުންކަމެވެ. އެއްވެސް ކަމެއްގައި އަރާރުންވުމާއި އަޑުގަދަކުރުމުގެ ގޮތް ނުގެންގުޅުންކަމެވެ. މީހަކު ތިމާ ރުޅިއަރުވާލަން އުޅުންކަމުގައި ވިޔަސް ތިމާ ހަމައިން ނައްޓައިލައި ތިމާއާ މެދު އަނެކާ ކަންކުރާގޮތަށް އަނެކާއާ މެދު ކަންކޮށްގެން ނުވާނެކަމެވެ.
އިސްވެދިޔަ ޙަދީޡްފުޅުން އެނގެނީ ރޯދައަކީ ހަމައެކަނި ރަސްމީ ޢަމަލެއް ނޫންކަމެވެ. ރޯދައިގެ މަޤްޞަދަކީ ރޯދަވެރީންގެ ކިބައިގައި ވަރުގަދަ ރޫޙެއް އުފެއްދުންކަމެވެ. އޭނާގެ މިޒާޖާއި އޭނާގެ ވިސްނުން ބަދަލުކޮށްލާ ފަދަ ރޫޙެކެވެ. އޭނާގެ ޝަޚުސިއްޔަތަށް ވަރުގަދަ އިންގިލާބެއް ގެނުވާފަދަ ރޫޙެކެވެ. ޙަޤީޤީ މާނައިގައި ހިފާރޯދައަކީ ރޯދަވެރިޔާގެ މުޅި ޝަޚުސިއްޔަތު ރައްބާނީ ޝަޚުސިއްޔަތަކަށް ބަދަލުކޮށްލާކަމެކެވެ.
ޙަޤީޤީ ރޯދަ އިންސާނާ އިންތިހާދަރަޖައިގެ ހަރުދަނާ މީހަކަށް ހަދައެވެ. އޭނާގެ ޙަޔާތުގެ ހަފަރާތުން ވެސް އޭނާގެ ކޮންމެ ޢަމަލަކާއި، ބަހަކުންވެސް ހަރުދަނާކަން ފާޅުކޮށްދެއެވެ. އޭނާގެ މިޒާޖަށް އަންނަ ހެޔޮބަދަލާއި ހަރުދަނާކަމުގެ ސަބަބުން މީހަކު ޖަހާލާ ކޮންމެ ފުއްޓަތްކަކަށް އޭނާ ނަށާކަށެއް ނުފަށާނެއެވެ. މީހަކު އޭނާ ރުޅިއަރުވަން އުޅުނަސް އޭނާގެ ސާބިތުކަމަކަށް ބަދަލެއް ނާންނާނެއެވެ. އޭނާވާނީ މުޖުތަމަޢުގެ އިތުބާރުހުރި ހަރުދަނާ މެންބަރަކަށެވެ. އޭނާއަކީ މުޖުތަމަޢުގައި އޭނާގެ ސަބަބުން މައްސަލަ އުފެދޭ މީހަކަށް ނުވާނެއެވެ. ޙަޤީޤީ ރޯދަވެރިޔަކީ ތަވާޟުޢުވެރިޔެކެވެ. ރުންކުރު ނުކިއްސަރު މީހެއްނޫނެެވެ. ގޮތްދޫނުކުރާ މީހެއް ނޫނެވެ.
ޙަޤީޤީ ރޯދަވެރިޔާ ކެއިންބުއިން ހުއްޓައިލައިގެން ހުންނައިރު ނުބައި ޚުލުޤުތައް ދޫކޮށްނުލައި ހުންނާކަށެއް އޭނާގެ ޠަބީޢަތެއް ނުރުހޭނެއެވެ. އޭނާގެ ޝަހުވަތްތަކުގެ މައްސަލައިގައި އޭނާގެ އާދަތަކަށް ބަދަލުގެންނައިރު އޭނާގެ އަޚުލާޤީ ދިރިއުޅުމަށް އެއްވެސް އިސްލާހެއް ނުގެނެސް ހުންނާކަށެއް އޭނާ ހިތްހަމައެއް ނުޖެހޭނެއެވެ.