15 Jul 2013, 15:29
މޮރިޝަސް ކޮމާޝަލް ބޭންކުން ނަގާފައިވާ 1.5 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެން، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް އާއި އިތުރު ބައެއްގެ މައްޗަށް އެ ބޭންކުން ދައުވާ ކޮށްފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޑަބަލް ލެޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ނެގި ލޯނަށް ފައިސާ ދައްކާފައި ނުވާތީ ޝަރީފްގެ އިތުރުން މޮރިޝަސް ބޭންކުން ދައުވާ ކޮށްފައި ވަނީ މއ. ގޯލްޑަން ރޭ ހުސައިން ރަޝީދު އާއި މ. އޮކްސިޑެންޓަލް ވިލާގޭ އަބްދުލް އަޒީޒު އަހުމަދުގެ މައްޗަށް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މޮރިޝަސް ކޮމާޝަލް ބޭންކުން ކުރި ދައުވާގައި އެދިފައި ވަނީ ކަނޑައެޅިފައިވާ މުއްދަތަށް ލޯނުގެ ފައިސާ ދައްކާފައި ނުވާތީ އިންޓްރެސްޓާ އެކު ޖުމްލަ ދައްކަންޖެހޭ 1.5 މިލިއަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް ނަގައިދިނުމަށް ކަމަށެވެ.
އެ ލޯން ނުދެއްކޭނަމަ ލޯނަށް ރަހުނުކޮށްފައިވާ މއ. ގޯލްޑަން ރޭ ވިއްކާލުމުގެ ހުއްދަ އަށް ވެސް އެ ދައުވާގައި އެދިފައިވާ ކަމަށް ސިވިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.