07 Nov 2010, 16:47
އިނގިރޭސިވިލާތުގައި ކާގޯ ފްލައިޓަކުން ބޮންތަކެއް ފެނުނު މައްސަލަ އަށް ފަހު ބައެއް ގައުމުތަކުން އެތެރެކުރާ ކާގޯ މުދާ އެގައުމުގެ އޮފިޝަލުން އިތުރަށް ޗެކްކުރާ ގޮތަށް ހަމަޖެއްސި އިރު، އެ ގައުމުތަކުގެ ލިސްޓުގައި ރާއްޖޭގެ ނަން ވެސް ހިމެނިއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ސެކްރެޓަރީ ފިލިޕް ހެމަންޑާ ހަވާލާދީ ދަ ނިއުސްގައި ބުނެފައި ވަނީ، އެ ގައުމަށް ވައިގެ މަގުން އެތެރެކުރާ މުދާ އެހެން ފްލައިޓަކަށް ބަދަލުކުރާ ހާލަތްތަކުގައި އިތުރަށް ސްކްރީން ނުކުރާ ކަމަށެވެ. އެހެންނަމަވެސް، ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޓެރަރިސްޓު ޖަމާއަތްތަކުން ބޮމުގެ ހަމަލާތައް ދިނުމަށް މަސައްކަތްކުރާ މައްސަލަ ބޮޑުވަމުން އަންނާތީ ސެކިއުރިޓީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، ރާއްޖޭގެ އިތުރަށް މުސްލިމުން ގިނަ ޕާކިސްތާނާއި ސޫދާނާއި ލީބިޔާ އާއި އީރާން އަދި އިންޑިއާ އާއި ބަންގްލަދޭޝުން އެތެރެކުރާ އެއާ ކާގޯ އެހެން ފްލައިޓަކަށް ބަދަލުކުރާ އިރު އަލުން ސްކްރީން ކުރާނެ ކަމަށް ހެމަންޑް ވިދާޅުވި އެވެ. ނަމަވެސް، އިތުރު ގައުމުތަކުގެ ކާގޯ އެގޮތަށް ޗެކްކުރާ ގޮތަށް ހަމަޖައްސާފައެއް ނުވެ އެވެ.
އޭވިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހުސެން ޖަލީލް ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެވޭނީ ރަނގަޅަށް އެ މައްސަލަ ބެލުމަށް ފަހު ކަމަށެވެ.
އެހެންކަމުން، އެއާ ކާގޯގެ ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަ ކުރި ގައުމުތަކުގެ ލިސްޓަށް ރާއްޖޭގެ ނަން އެރި ސަބަބު އަދި ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިޔަ އަހަރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި، މުމްބާއީގެ ލަގްޒަރީ ހޮޓަލަށް ދިން ސީރިއަސް ބޮމުގެ ހަމަލާގެ ފަހަތުގައި ދިވެހިންގެ އަތެއްވާ ކަމަށް ވިދާޅުވުމާ ގުޅިގެން، ރާއްޖޭގައި ޓެރަރިސްޓުން "ހާލި" ހަދަމުންދާ ކަމުގެ އަޑު ވަނީ ބޭރު މީޑިއާގައި ފެތުރެން ފަށައިފަ އެވެ. އަދި 2007 ވަނަ އަހަރު ސަލްޓަން ޕާކު ކައިރީ ދިން ބޮމުގެ ހަމަލާއަށް ފަހު ރާއްޖޭގެ ނަން ވަނީ ވަރަށް ބޮޑަށް ކިލަނބުވެފަ އެވެ.
ދާދިފަހުން ފްލައިޓެއްގެ ކާގޯ ތެރޭ ހުރި ޕްރިންޓަރު ކާޓްރިޖްތަކެއްގެ ތެރެއަށް ލައި، ވައިރުކޮށްފައި ހުރި މޯބައިލް ބޮން ޑިވައިސްތަކެއް އިނގިރޭސި އޮފިޝަލުން ވަނީ ހޯދައިފަ އެވެ. އެއީ ޔަމަނުގައި ހަރަކާތްތެރިވާ އަލް ގައިދާގެ ހަނގުރާމަވެރިން ރޭވި ހަމަލާއެއް ކަމަށް އޮފިޝަލުން ތުހުމަތުކުރެ އެވެ. ޔަމަން އަދި ސޯމާލިއާގެ އެއާ ކާގޯ އިނގިރޭސިވިލާތުން ވަނީ މިހާރު މަނާކޮށްފަ އެވެ.