އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ދުއްވި ސައިލަކުންޖެހި ބަނގްލަދޭޝްގެ ރައްޔިތަކު މަރުވެފައިވާތީ އޭނާގެ މަރުގެ ދިޔައިގެ ގޮތުގައި 100،000ރ. ދިނުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 3:35 އެހައިކަންހާއިރު 18 އަހަރު ނުފުރޭ އެ ކުއްޖާ ސައިކަލުގައި ބޮޑުތަކުރުފާނުމަގުން ހުޅަނގުން އިރަށް ބާރުސްޕީޑުގައި ދުއްވާފައި ދަނިކޮށް، ދަތުރުވެރިންގެ މާރުކޭޓް ކުރިމަތިން މަގު ހުރަސްކުރި ބަންގުލަދޭޝްގެ މުހައްމަދު ޓަޖުލް އިސްލާމްގެ ގައިގައި ސައިކަލުންޖެހި ހިނގި އެ އެކްސިޑެންޓުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.

އެ މައްސަލައިގައި 18 އަހަރު ނުފުރޭ އެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.

ޖުވެނައިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެއީ އޭނާގެ އިހުމާލުން ހިނގި އެކްސިޑެންޓެއް ނޫން ކަމަށް ބުނެ 18 އަހަރު ނުފުރޭ އެ ކުއްޖާ ދައުވާ އަށް އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު އެ އެކްސިޑެންޓު ހިނގާފައި ވަނީ އެ ކުއްޖާގެ އިހުމާލުންކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މުހައްމަދު ޓަޖުލް އިސްލާމްގެ ވާރުތަވެރިންގެ ތެރެއިން ދުނިޔޭގައި ތިބި މީހުން ކަމަށްވާ އޭނާގެ މަންމަ އާއި ހުވަފަތް އަނބިމީހާ އާއި ތިން ދަރިން ވެސް މަރުގެ ދިޔަ ބޭނުންވާކަމަށް ބުނެފައިވާ ކަމަށް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

މަރުގެ ދިޔައިގެ ގޮތުގައި 18 އަހަރު ނުފުރޭ އެކުއްޖާ ދޭންޖެހޭ 100،000ރ. ހަތަރު މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ޖުވެނައިލް ކޯޓުގެ ހުކުމުގައި އެ ކުއްޖާ އަށް ވަނީ އަންގާފަ އެވެ.

އެކުށުގެ ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ހަނދުމަހުގެ ދެ މަސްދުވަހުގެ ރޯދަ ހިފުމަށް ވެސް ޖުވެނައިލް ކޯޓުން ކުރި ހުކުމްގައި ވަނީ އެ ކުއްޖާ އަށް އަންގާފަ އެވެ.

ޖުވެނައިލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

"... މިހާދިސާގައި މުހައްމަދު ޓަޖުލް އިސްލާމް މަރުވިއިރު ދުނިޔޭގައި ތިބި ވާރުތަވެރިން ކަމަށްވާ މަންމަ އަނޯވަރާ ބޭގަމް އާއި ހުވަފަތް އަނބި އަސްމާ ބޭގަމް އާއި ފިރިހެން ދަރި އެމްޑީ މަންޖިލް ހޮސެއިން އާއި އަންހެން ދަރި ބްރިސްތި މޯނީ އާއި އަންހެން ދަރި ތިއާ މޯނީ އާއި މި ފަސް ވާރިސުން ވެސް މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނެފައިވާތީ،'ޝަރީއަތް ކުރިމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދު6'ގެ 76 ވަނަ މާއްދާގެ ދަށުން މުޚައްފަފު މަރުގެ ދިޔަ ކަމަށްވާ 100،000ރ. އަކީ ނިޔާވި މުހައްމަދު ޓަޖުލް އިސްލާމްގެ ވާރިސުންނަށް ދައުވާ ލިބުނު ކުއްޖާ ގެ އަތުން ލިބިދޭންޖެހޭ ދިޔައިގެ މިންވަރު ކަމަށް ކަނޑައަޅައި، މަރުގެ ދިޔައަށްވާ މި ފައިސާ ދައުވާ ލިބުނު ކުއްޖާގެ ފަރާތުން ދެއްކުމަށް ހުށަހެޅި ގޮތުގެމަތިން މަރުގެ ދިޔައަށްވާ 100،000ރ. ނިޔާވި މުހައްމަދު ޓަޖުލް އިސްލާމްގެ ވާރިސުންނަށް ލިބިދިނުމަށް ޓަކައި، 28 މެއި 2013 ވަނަ ދުވަހުން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތުގައި މި ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ދައުވާ ލިބުނު ކުއްޖާ އަށް އެންގުމާ އެކު، މިކުށުގެ ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ހަނދުމަހުގެ ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ދައުވާ ލިބުނު ކުއްޖާ އަށް އަންގައި މިގަޒިއްޔާ ނިންމީމެވެ." ޖުވެނައިލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.