ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނިމާލް އެ މަގާމުން ވަކިކުރެއްވީ މަގާމުގެ ނުފޫޒު ބޭނުންކުރާތީ ކަމަށް ސަރުކާރުން ބުނެފަވީ ނަމަވެސް އެ ތުހުމަތުތަކުން "ބަރީއަ" ވާކަމަށް ބުނެ އެ ވާހަކަތަކަށް އޭނާ ރައްދު ދެއްވަފި އެވެ.

ޕީޕީއެމް ކައުންސިލް މެންބަރު ނިމާލް ޕީޕއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެއްވެސް ފަރާތަކަށް ވަޒީފާއެއް ދީފައިނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސް މެންބަރުންނާއި އަދި ރަށްރަށުގެ ކައުންސިލަރުން ރަށް ރަށުގެ ކަރަންޓް ދިނުމުގެ ކަންކަމާ ގުޅޭ ގޮތުން ކަންކަން ހައްލުކޮށްދިނުމަށް އެދުމުން އެ މައްސަލައެއް ހައްލު ކޮށްދެމުން ދިޔަ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭނާ އެންމެ ދެރަވަނީ މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމަށް ބުނެ ވަޒީފާ އިން ވަކިކުރި އިރު އޭނާ ނިސްބަތްވާ ޕީޕީއެމްގެ މެންބަރުންްގެ ތެރެއިން ވަޒީފާ ބޭނުންވި ހުރިހާ މެންބަރުނަށް ވަޒީފާ ނުދެވެނީމާ ކަމަށެވެ.

"މިއަދު އަޅުގަނޑު އެންމެ ދެރަވަނީ ތުހުމަތުތަކެއް އަޅުވާފައި ވަޒީފާ އިން ވަކިކުރި އިރު ޕީޕީއެމް މެންބަރުނަށް ވަޒީފާ ނުދެވުނީތީ،"

ފެނަކަ ކޯޕަރޭޝަނަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އަދިވެސް ވަދެފައި ކަމަށާއި އޭނާ މަގާމުން ވަކިކުރެއްވީ އޭނާ އަކީ ޕީޕީއެމް މެންބަރަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ އިންތިހާބާއި ހިސާބަށްއައިސް ފަހު ތަޅާލުން ގަނޑަށް އައީއޭ މީ، [އަޅުގަނޑު ވަޒީފާ އިން ވަކިކުރީ]" އޭނާ ވިދާޅުވި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ނިމާލް މަގާމުން ވަކިކުރުމަށް ފަހު ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު އަމްޖަދު ވިދާޅުވެފައި ވަނީ ނިމާލް މަގާމުން ވަކިކުރީ، މަގާމުގެ ނުފޫޒުގެ ބޭނުންކުރައްވައިގެން ކުންފުނީގެ ވަޒީފާތަކަށް މީހުން ވައްދާ ކަމުގެ ޝަކުވާ ލިބިގެން ކަމަށެވެ.