15 Jul 2013, 14:05
ރިސޯޓް ތަރައްގީކުރަން އިތުރު ހަ ރަށެއް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މިފަހަރު ބީލަމަށް ހުޅުވާލާފައި ވަނީ ނ. ކުންނަމަލަ އާއި ރ. ކުޑަފުއްޓާއި ފަސްމެންދުއާއި ތ. ވަނަބަދި އެ އަތޮޅު ކަނިއާ އެކު އަދި ގއ. ދިގުދޫ އާއި ސ. އިސްމެހެލާ ހެރަ އެވެ. މީގެ ތެރެއިން އިސްމެހެލާ ހެރެއަކީ ޓޫރިޒަމުން މިދިޔަ އޭޕްރިލް މަހު ބީލަމަށް ހުޅުވާލި ތިން ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެ ރަށް ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލީ ކީއްވެގެން ކަމެއް އެ މިނިސްޓްރީއަކުން ނުބުނެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ރިސޯޓް ހެދުމަށް ބީލަމަށް ހުޅުވާލި ހަ ރަށް ކުއްޔަށްދޭން ހަމަޖެހިފައި ވަނީ 50 އަހަރަށް ކަމަށެވެ. އަދި އެ ހަ ރަށަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 28ގެ ނިޔަލަށް ބީލަން ފޮތް ވިއްކަމުން ގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ހަ ރަށުގައި ރިސޯޓް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މިމަހު 22 ވަނަ ދުވަހު ޕްރީ ބިޑް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ 1:00ގެ ކުރިން ބީލަން ހުށަހަޅަން ޖެހޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ރިސޯޓްގެ ގޮތުގައި ތަރައްގީކުރަން މިދިޔަ އޭޕްރިލް މަހު އަލަށް ހުޅުވާލި މ. މަޑިފުއްޓާއި ގއ. ކެރައްދޫ އަދި ސ. އިސްމައިލާހެރާއަށް ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފަައިވެ އެވެ. އޭގެ ތެރެއިން ޕްރޮޕޯސަލް ހުށަހަޅަން ދައުވަތު ދިނީ ކިތައް ފަރާތަށް ކަމެއް ނުބުނެ އެވެ.