15 Jul 2013, 13:33
ބޮލީވުޑްގެ "ގަޓަކް" ފިލްމުން ވިދާލި އެކްޓްރެސް މަމްޓާ ކުލްކަރުނީ އިސްލާމްވެއްޖެއެވެ.
މަމްޓާ ކުލްކަރުނީ އިސްލާމްދީން ގަބޫލުކުރުމަށް ފަހު ދިރިއުޅެމުން އަންނަނީ އެނާގެ ފިރިމީހާ ވިކީ ގޮސްވާމީ އާ އެކު ކެންޔާގެ ވެރިރަށް ނައިރޯބީގައެވެ. ވިކީ ގޮސްވާމީ ވެސް ވަނީ އިސްލާމްދީން ގަބޫލުކޮށްފަ އެވެ.
މީގެ އަހަރުތަކެއް ކުރިން، 1997 ވަނަ އަހަރު ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ވިކީ ގޮސްވާމީ ހައްޔަރުކުރެވުނެވެ. އަދި މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި 25 އަހަރަށް ޖަލަށް ލިއެވެ. ނަމަވެސް އެނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައި ދޫކޮށްލާފައެވެ. ގޮސްވާމީގެ ކުށުގެ އަދަބު ކުޑަކޮށް އަވަހަށް ދޫކޮށްލުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެނާ އިސްލާމް ވުމެވެ.
މަމްޓާ ކުލްކަރުނީ އާއި ވިކީ ގޮސްވާމީއާ ކައިވެނިކުރީ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު، ގޮސްވާމީ ޖަލުގައި ހުއްޓައެވެ. ގޮސްވާމީ ޖަލުގައި ހުރި ދުވަސްވަރު އެނާގެ ހޮޓާ ވިޔަފާރިތައް ހިންގައި ބެލެހެއްޓީ މަމްޓާ ކުލްކަރުނީ އެވެ.
އިންޑިޔާގެ ފިލްމު އިންޑަސްޓްރީގައި މަމްޓާ ކުލްކަރުނީ ވިދާލީ 1990 ގެ އަހަރުތަކުގައެވެ. އޭނާގެ ރީތިކަން ދައްކުވައިދޭ ފޮޓޯތައް އެތަކެއް މެގަޒިން ތަކެއްގަޔާއި ފެޝަން އިސްތިހާރުތަކުގައި ޝާއިއުކުރެވިގެންދިޔައެވެ. މަމްތާ ކުޅެފައިވާ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި އާޝިގް އާވާރާ، ވަގްތް ހަމާރާހޭ، ކްރަންތިވީރް، ކަރަން އަރްޖުން، ސަބްސޭ ބަޅާ ކިލާޅީ އަދި ަޗއިނާ ގޭޓް ހިމެނެ އެވެ.
މަމްޓާ ކުލްކަރުނީ 11 އަހަރު ވަންދެން ބޮލީވުޑުގައި މަސައްކަތްކުރިއެވެ.