15 Jul 2013, 13:12
ރާއްޖޭގައި މޮބައިލް ފޯނުގެ ހިދުމަތްދޭ ވަތަނިއްޔާގެ ތްރީޖީ ނެޓްވޯކް އާބާދީގެ 75 ޕަސެންޓުން 90 ޕަސެންޓަށް ފުޅާކޮށް ވޮއިސް އޯވާ އެލްޓީ އަންނަ އަހަރު ތައާރަފްކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ގަތަރުގެ އުރީދުގެ ސަބްސިޑިއަރީ ކުންފުނީގެ ސީއީއޯ ހާރުނު ޝާހުލް ހަމީދު ޓެލެކޮމްލީޑްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މޯބައިލް ފޯނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ފަސް ކަމެއް ހިމެނޭ ސްޓްރެޓެޖީއެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީ ގާއިމުކުރުމާއި ކަސްޓަމަރުންގެ ތަޖުރިބާ ގާއިމުކުރުމާއި އަދި މޯބައިލް ޑޭޓާ މާކެޓްފުޅާކޮށް މުވައްޒަފުން އަހުލުވެލިކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެ ކުންފުނިން ބުނީ އަލަށް ތައާރަފްކުރި ފޯޖީ ނެޓްވޯކް އާބާދީގެ 31 ޕަސެންޓަށް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން މިހާރު ބޭނުންކުރާ ތްރީޖީ ނެޓްވޯކް އެޗްއެސްޕީއޭ ޕްލަސް ނެޓްވޯކަކަށް އަޕްގްރޭޑްކުރަން ނިންމާފައިވާ ކަމަށް ވެސް ވަތަނިއްޔާ އިން ބުނެފައިވެ އެވެ.
ވަތަނިއްޔާ އިން ބުނެފައި ވަނީ އެ ކުންފުނީގެ ނެޓްވޯކަކީ މިހާރަށް ވުރެ ތިމާވެއްޓާ ރަހުމަތްތެރި ހަކަތަ ބޭނުންކުރާ މިންވަރު ކުޑަ އަދި ޖާގައިގެ މިންވަރު ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.
އެ ކުންފުނިން މިދިޔަ އަހަރު ވަނީ ޗައިނާގެ ހުއާވީއާއެކު މޯބައިލް ނެޓްވޯކުގެ ފެންވަރު މަތިކުރުމަށް 25 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ ވެބްސައިޓްގައި ބުނެފައި ވަނީ ވަތަނިއްޔާގެ ބިލިން ސިސްޓަމް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި މިހާރު ނިންމާފައިވާ ކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމަކީ 1200 ރަށަށް ހިދުމަތް ފުޅާކުރުން. މޮބައިލް ފޯނުގެ 180 ޕަސެންޓްގެ ތެރެއިން 35 ޕަސެންޓް ބޭނުންކުރަނީ ސްމާޓް ފޯން. އެހެންވެ އަޅުގަނޑުމެން އެބަޖެހޭ ޑޭޓާގެ ހިދުމަތްތައް ކުރިޔަށް އޮތްތަނުގައި ވަރަށް ބޮޑަށް ފުޅާކުރަން،" ހާރޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ ސްޓްރެޓެޖީގެ ދަށުން އާމްދަނީ އިތުރުކުރަން ނިންމާފައި ވަނީ ވިޔަފާރި ކުންފުނިތަކާ ގުޅުން ގާއިމުކޮށްގެން ކަމަށެވެ.