15 Jul 2013, 13:02
ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރުކުރި އަންހެނަކު އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ލ. އިސްދޫ ގުލްފާމްގޭ އާމިނަތު ޝިބާނާގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ޝިބާނާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 4:05 އެހައިކަންހާއިރު އޭނާ ހައްޔަރުކޮށް ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އެންގުމުން ކުޑަކަމުދާތަކެތި ދީފައިނުވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އަންގާފައި ނުވާކަމަށް އޭނާ ޝަރީއަތުގައި ބުނިނަމަވެސް، ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އަންގާފައި ވަނިކޮށް ކުޑަކަމުދާތަކެތި ނުދީހުރެ އަމިއްލަ ގަޔަށް ކުޑަކަމު ގޮސްފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކޮށްފައިވާތީ މަޖިލީހުގެ ދެ މެންބަރަކާއި ކުރީގެ ސަރުކާރުގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ ދައުވާ ކުރަން ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު އާއި އޭނާގެ އަނބިކަނބަލުން މއ.މަނާގޭ މަރިޔަމް ފާއިޒް އާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރުދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ގެ އިތުރުން ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީގެ މައްޗަށެވެ.