ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް އޭނާ ބުނާ، އިބްރާހިމް ނާޒިމް މާލެ އައިތަނުން ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތް ކުރި ކަމަށް ނާޒިމު ތުހުމަތު ކޮށްފި އެވެ.


ސަންއޮން ލައިނަށް މައުލޫމާތު ދެމުން ނާޒިމް ރޭ ބުނީ، އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރީ، ކުޅުދުއްފުށީގައި އިއްޔެ ރޭ ބޭއްވި ޖަލްސާއަށް ފަހު، އަދި ހިރިމަރަދޫ އާއި ނާވައިދޫގައި ޑީއާރުޕީގެ ޖަލްސާތަކެއް ބޭއްވުމަށް ފަހު ވައިގެމަގުން ރޭ މާލެ އައިތަނުން ކަމަށެވެ.


‹އަޅުގަނޑު ޣަފޫރަށް ދަންނަވާނީ އަޅުގަނޑު ގޮވައިގެން ކޯޓަށް ވަޑައިގަންނަވާށޭ އެކަން އަޅުގަނޑު ސާބިތުކޮށްދޭނަމޭ، ›


"އަޅުގަނޑު އެއާޕޯޓުން ނިކުތް ގަޑީގައި ޑޮމެސްޓިކް ޓާމިނަލްގެ ގޯޅި ތެރޭގައި ފަސް ފުލުހަކު ތިބި. އަޅުގަނޑު އަންނަނިކޮށް އެމީހުން ބުނީ މަޑުކުރާށޭ. އަދި ކުއްލި ގޮތަކަށް އަޅުގަނޑު ހައްޔަރު ކޮށްގެން ފުލުސް އޮފީހަށް ގެންދަން އުޅުނު. އަޅުގަނޑު ބުނިން އަޅުގަނޑު ފުލުސް އޮފީހަށް ދާން ޖެހޭ ސަބަބަކީ ކޮބައިތޯއޭ؟ އެ ބޭފުޅުން ވިދާޅުވީ މައުލޫމާތެއް ސާފު ކުރާށޭ. ނަމަވެސް އެބޭފުޅުން އެއީ ކޮން މައުލޫމާތެއްކަމެއް ވިދާޅެއް ނުވޭ. އަދި ހެކި ފޮރުވައިފާނެތީ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި. އެ ވަގުތު ޕާޓީގެ އިސް ބޭފުޅުންނާއި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް ވެސް އަޅުގަނޑާ އެކު ހުންނެވި. އަދި ގަނޫނުގެ އިމުގެ ބޭނުން އަލުގަނޑު ހައްޔަރު ނުކުރެވޭނެ ކަމަށާއި ގާނޫނާ އެއްގޮތަށް ގާނޫނީ އިމުގެ ތެރޭން ކޯޓު އަމުރަކުން ނުވަތަ ޗިޓަކުން އަޅުގަނޑު ފުލުސް އޮފީހަށް ހާޒިރުކުރަން އަންގައިފި ނަމަ އެ މައްސަލައިގައި ޖަވާބުދާރީވާން ފުލުސް އޮފީހަށްދާން ތައްޔާރަށް ހުރިކަމަށް ބުނިން. ނަމަވެސް ގަދަކަމުން ގާނޫނީ އިމުން ބޭރުން އަޅުގަނޑު ފުލުސް އޮފީހަށް ގެންދިޔަކަ ނުދޭނަން. އޭގެ ފަހުން އެމީހުން ދިޔައީ،" ނާޒިމު ބުންޏެވެ.


އިދިކޮޅު ޑީއާރުޕީގެ ޒުވާނުންގެ ހަރަކާތްތަކުގައި އިސްވެ އުޅޭ، ނާޒިމު ބުނީ އަބްދުލް ޣަފޫރު މޫސާ އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާ އުފުލާފައި ވަނީ، ކުޅުދުއްފުށީގައި އިއްޔެ ރޭ ބޭއްވި ޑީއާރުޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަމުން، ޣަފޫރު ސިފައިންގޭގައި އުޅުއްވި ދުވަސްވަރު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރިކަމަށް، ތުހުމަތު ކުރެވޭ ބަޔާނެއް ޑިފެންސް މިނިސްޓްރީގައި އޮންނާނެ ކަމަށް އޭނާ ބުނެފައިވާތީ ކަމަށެވެ. އަދި އޭނާ ބުނީ އެ ބަޔާން އޭނާގެ ދެލޮލުން ދުށް ކަމަށާއި އެ ބަޔާނުގައި ޣަފޫރު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައި ވެސް ވާކަމަށެވެ.


"ދެހާސް ވަނަ އަހަރުން ފެށިގެން ދެހާސް ހަތް ވަނަ އަހަރާ ހަމައަށް އަޅުގަނޑު ސިފައިންގޭގައި މަސައްކަތް ކުރިން. އެތަނުގެ އެކި ސެކްޝަންތަކުގައި މަސައްކަތްކޮށްފައިވާއިރު ޣަފޫރުގެ އެ ބަޔާން އަޅުގަނޑަށް ފެނުނީ، އެތަނުގެ އޮފީސްބައިގައި މަސައްކަތްކުރި މަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ އޮފިސަރެއްގެ އަތުން. އަޅުގަނޑު ޣަފޫރަށް ދަންނަވާނީ އަޅުގަނޑު ގޮވައިގެން ކޯޓަށް ވަޑައިގަންނަވާށޭ އެކަން އަޅުގަނޑު ސާބިތުކޮށްދޭނަމޭ،"


ނާޒިމު އަދި ބުނީ އެ މައްސަލަ އަބުރުގެ ދައުވާއެއްގެ ގޮތުގައި ޣަފޫރު ކުރިއަށް ގެންދަވާއިރު، އެކަމާ ބެހޭ ހެކި ފޮރުންވަން އުޅޭކަމަށް ފުލުހުން ބުނަނީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ.


މި މައްސަލައާ ބެހޭ ގޮތުން ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން މައުލޫމާތު އޮޅުން ފިލުވުމަށް، ޑީއާރުޕީގެ އިބްރާހިމް ނާޒިމް ފުލުސް އޮފީހަށް ހާޒިރުވުމަށް އޭނާ އަށް ރޭ އެންގި ކަމަށެވެ. އަދި އެކަން އޭނާ އަށް އެންގީ މާލެ އައިތަނުން އެއާޕޯޓުން ފުލުހުން އޭނާއާ ބައްދަލުކޮށްފައި ކަމަށާއި ފުލުސް އޮފީހަށް ހާޒިރުވުމަށް ދެކޮޅު ހެދުމުން އޭނާއާ މެދު އިތުރު ފިޔަވަޅެއް ފުލުހުން އަޅާފައި ނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.


ނާޒިމުގެ ތުހުމަތާ ގުޅޭގޮތުން އަބްދުލްޣަފޫރުގެ ބަހެއް ހޯދުމަށް ގުޅި އިރު ޣަފޫރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.