15 Jul 2013, 12:04
ރަމަޟާން މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ގެނައި ފިޔާ، ހޯލްސޭލްކޮށް ގަނެގެން، އަގު ބޮޑުކޮށް ރަށު ތެރޭގައި ވިއްކާތީ އެ ކުންފުނިން ފިޔާ ވިއްކުން ކޮންޓްރޯލް ކޮށްފި އެވެ.
މިދިޔަ ހަފުތާގައި އެސްޓީއޯ އިން ފިޔާ ކިލޯއެއް ވަކިން ވިއްކަމުން ގެންދިޔައީ 10ރ. އަށް ކިލޯއެއްގެ މަގުން ނެވެ. އެހެން ނަމަވެސް ރޯދައަށް ގެނައި ފިޔާގެ ސްޓޮކް ހުސްވާން ކައިރިވުމުން އެސްޓީއޯ އިން މިހާރު ވަނީ ފިޔާ ހޯލްސޭލް ކުރުން ހުއްޓައިލައިފަ އެވެ.
"އަޅުގަނޑުމެން ރޯދަމަހަށް ގެނައި ފިޔާ ޝިޕްމަންޓް ޕާޓްނާޝިޕް ވިޔަފާރިވެރިންނަށް ހޯލްސޭލް ކުރަމުން ގެންދިޔައީ. އެ ފަރާތްތަކަށް ޕްރޮފިޓް މާޖިންއެއް ލާފައި ވިއްކޭ އަގެއްގައި. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން ޝަކުވާ ލިބިފައިވޭ، ހޯލްސޭލްކޮށް އެސްޓީއޯއިން ގަތުމަށް ފަހު ވިޔަފާރިވެރިން އަގުބޮޑުކޮށް ފިޔާ ވިއްކަމުންދާ ވާހަކަ،" އެސްޓީއޯގެ ޑިރެކްޓަރު އިބްރާހީމް ޝަރީފް ވިދާޅުވި އެވެ. "މިހާރު ގެނެސްފައި ހުރި ފިޔާ ޝިޕްމަންޓް ހުސްވާން ކައިރިވެފައި ހުރުމުންނާއި އަދި ބާޒާރުގައި އަގު ބޮޑު ވުމުގެ ސަބަބުން އަޅުގަނޑުމެން މިހާރު މިވަނީ ހޯލްސޭލް ކުރުން ހުއްޓާލައިފައި. އެހެން ނަމަވެސް އެސްޓީއޯ ސްޕަމާޓާއި އަދި އެސްޓީއޯ އަތޮޅުތަކުގެ ފިހާރަތަކުން މިހާރު ވެސް ވަކިވަކި ފަރުދުންނަށް ކިޔުޖެހިގެން ދޫކުރާ އުސޫލުން ފިޔާ އަގުހެޔޮކޮށް ގަންނަން ލިބޭނެ."
ޝަރީފް ވިދާޅުވީ، އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ތަކެތި ވީހާވެސް ހެޔޮ އަގެއްގައި ފޯރުކޮށްދެވޭތޯ ކަމަށާއި އެގޮތުން މި މަހުގެ 21 ވަނަ ދުވަހު، ފިޔާގެ އާ ޝިޕްމަންޓެއް އެސްޓީއޯއަށް ގެންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ހުރިހާ ރައްޔިތުންނަށް ވެސް ހެޔޮ އަގުގައި އަޅުގަނޑުމެން ވިއްކާ މުދާ، ފޯރުކޮށްދެވޭތޯ. މި މަހުގެ 21ގައި ފިޔާގެ އާ ޝިޕްމަންޓެއް އަޅުގަނޑުމެންނަށް ލިބޭނެ. އޭރުން އަނެއްކާ ވެސް އިތުރު ހިފެހެއްޓުމެއް ނެތި ރައްޔިތުންނަށް ހެޔޮ އަގުގައި ފިޔާ ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
ބާޒާރުގައި ފިޔާ ކިލޯ އެއްގެ އަގު 25ރ. އާ 35ރ. އާއި ދެމެދުގެ އަގަކަށް އުފުލިފައިވާ އިރު އެސްޓީއޯ އިން ފިޔާ ކިލޯއެއް ވިއްކަނީ 10ރ. އަށެވެ. އަދި މާލޭ އެއްގަމު ފިހާރަތަކުން ފިޔާ ކިލޯއެއް ގަންނަން ލިބެނީ 35ރ. އާއި 40ރ. އާއި ދެމެދުގެ އަގުތަކެއްގަ އެވެ.