15 Jul 2013, 11:58
ގާނޫނުގެ ހުކުމް ހިނގާ ގައުމެއްގައި ކޯޓުގެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ކަޅު ނަސްލުގެ ޓްރޭވޮން މާޓިން މަރާލިކަމަށް ބުނެ ދައުވާ އުފުލި ޖޯޖް ޒިމާމަންގެ ކުށެއް އެމައްސަލާގައި ނެތް ކަމަށް ބުނެ، އޭނާ މިނިވަންކުރުމަށް ފުލޮރިޑާގެ ކޯޓަކުން ހުކުމްކުރުމުން އެމެރިކާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެފައި ވަނިކޮށް ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި އޮބާމާ ވަނީ ހުރިހާ ފަރާތްތަކުން ވެސް ހަމަޖެހުމަށް ގޮވާލައްވާފަ އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި އެގައުމުގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ހިޔާލުފާޅުކުރުމުގައި ސުލްހަވެރިކަން އިހުތިޔާރުކުރަން ޖެހޭނެ ކަމަށެވެ.
އަދި މާޓިންގެ މަރަކީ އެމެރިކާ އަށް ކުރިމަތިވި ބޮޑު ހިތާމައެއް ކަމަށާއި އެ ހާދިސާގެ ސަބަބުން ހުރިހާ އެންމެން ވެސް ޖަޒުބާތީވެފައިވާ ކަމަށެވެ.
އޮބާމާ ވިދާޅުވެފައި ވަނީ އެހެންވީ ނަމަވެސް، އެމެރިކާއަކީ ގާނޫނުގެ ހުކުމް ހިނގާ ގައުމެއް ކަމަށާއި ކޯޓުގެ ނިންމުމަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.
ޓްރޭވޮން މާޓިން މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ޖޯޖް ޒިމާމަން އެވެ. ޒިމާމަން ބުނީ އޭނާ މާޓިން މަރާލާފައި ވަނީ އޭނާ ދިރިއުޅޭ ސަރަހައްދުގައި ވައްކަންތައް ގިނަވުމުން ޕެޓްރޯލް ކުރަމުން ދަނިކޮށް މާޓިން ފެނުމުން އޭނާއަކީ ވަގެއް ކަމަށް ހީކޮށް ކަމަށެވެ.
ޒިމާމަން ބުނީ މާޓިން އަކީ ވަގެއް ކަމަށް ނިންމީ "ރޭޝަލް ޕްރޮފައިލިންގް" ނުވަތަ އޭނާގެ ނަސްލަށް ބެލުމަށްފަހުގައި ކަމަށެވެ.
މަރާލެވުނު މާޓިން އަކީ ކަޅު ނަސްލުގެ މީހެކެވެ. އަދި ޒިމާމަން އަކީ ހިސްޕެނިކް ނަސްލުގެ ދޮން މީހެކެވެ.
މިމައްސަލާގައި ކޯޓުގައި ޒިމާމަންގެ ވަކީލުން ބުނީ މާޓިން މަރުވީ ޒިމާމަންގެ ނަފުސު ދިފާއުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ކަމަށާއި ޒިމާމަންއަށް މާޓިން ހަމަލާދިން ކަމަށެވެ. ޒިމާމަންގެ ގައިގާ ޖެހުމަށް ފަހު ޒިމާމަންގެ އަތުގައި އޮތް ބަޑި ނެގުމަށް މާޓިން މަސައްކަތްކުރުމުން ޒިމާމަން ބަޑިޖެހީ ކަމަށް ވަކީލުން ބުންޏެވެ.
އެމެރިކާގެ ކޯޓުތަކުގައި މައްސަލަ ނިންމަނީ ޖޫރީއެއްގެ ވޯޓަށް ބިނާކޮށެވެ. ޖޫރީއެއްގައި ހިމެނެނީ އާއްމު ފަރުދުންގެ ތެރެއިން ހޮވާލެވޭ ބައެކެވެ. ކޯޓުގައި މައްސަލައިގެ ތަފްސީލްތަކާއި ހެކިބަސްތައް އަދި ހެކި ހުށަހެޅުމަށް ފަހު ދައުވާކުރެވޭ ފަރާތް މައްޗަށް ކުށް ސާބިތުވޭތީ ނުވަތަ ނޫންތޯ ނިންމަނީ މިޖޫރީގައި ނެނގޭ ވޯޓަކުން ނެވެ. ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރުމަށް ފަހު ހުކުމް އިއްވަނީ ފަނޑިޔާރުން ނެވެ.
އެމެރިކާގެ ގިނަ ރައްޔިތުން މިމައްސަލާގައި ނުރުހުން ފާޅުކުރުމަށް މަގުމައްޗަށް ނުކުމެފައިވާ އިރު އެމީހުން ބުނެފައި ވަނީ މާޓިން މަރާލުމަކީ ނަސްލީ ތަފާތުކުރުމުގެ ކުށެއް ކަމަށާއި އެމެރިކާގެ އަދުލް އިންސާފުގެ ނިޒާމު ފެއިލްވެފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން އެމެރިކާގެ ސެން ފުރެންސިސްކޯ، ފިލަޑެލްފިއާ، ޗިކާގޯ، ވޮޝިންގްޓަން އަދި އެޓްލާންޓާގައި ބޮޑެތި މުޒާހަރާތައް ވަނީ ކޮށްފަ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން މިއަދު ބުނީ މާޓިންގެ މަރުގެ މައްސަލާގައި ޒިމާމަންއާ ދެކޮޅަށް ނަސްލީ ތަފާތުކުރުމުގެ ސިވިލް ރައިޓްސް ދައުވާއެއް ކުރެވިދާނެތީ ބަލަމުން އަންނަ ކަމަށެވެ.