15 Jul 2013, 11:54
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކުރާ އިރު ކުށުގެ ރެކޯޑް ސާފުކުރަން ޖެހޭ ގޮތަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހަމަޖައްސައިފި އެވެ.
އެ ބޯޑުގެ ރައީސް މުހައްމަދު އަމްޖަދު އިއްޔެ ވިދާޅުވީ ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަށް ކުރުމުގެ ކުރިން ކުށުގެ ރެކޯޑް ސާފުކޮށް ޕޮލިސް ރިޕޯޓް ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ބޯޑަށް އައްޔަންކުރާ އިރު އެ މީހަކަށް ލިބިފައިވާ ސެޓްފިކެޓްތައް އެޓެސްޓްކުރަން ޖެހޭ ގޮތަށް ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ހަވާލުވުމަށް ފަހު އަލަށް ހަމަޖެއްސި އުސޫލެއް. މީގެ ފަހުން ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކުރާއިރު އެކަންތައްތަކަށް ބަލާނަން،" އަމްޖަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރާ މެމްބަރުންނަކީ ސާބިތު ދަރަންޏެއް އޮތް މީހެއްތޯ ވެސް ބަލާނެ ކަމަށެވެ.
"ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް ހަމަޖައްސާ އިރު އެ މީހުންގެ ކުށުގެ ރެކޯޑާއި ލިބިފައިވާ ސެޓްފިކެޓްތަކުގެ ސައްހަކަން ބަލަން ޖެހޭ. އަދި އޭގެ އިތުރުން ސާބިތު ދަރަންޏެއް އޮތްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް. އެހެންނޫނީ ކޮންމެ ފަދަ ބަޔަކާ ވެސް ބޮޑެތި ވިޔަފާރި ކުންފުނިތައް ހަވާލުކުރެވިދާނެ،" އަމްޖަދު ވިދާޅުވި އެވެ. "އެ މީހެއްގެ ކޮލިފިކޭޝަންގެ އިތުރުން ތަޖުރިބާއަކީ ވެސް ވަރަށް މުހިންމު އެއްޗެއް."
އޭނާ ވިދާޅުވީ ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކުރާ އިރު އެ މީހެއްގެ ތިމާގެ މީހަކު ވަޒީފާ އަދާކުރާތޯ ވެސް ބަލާނެ ކަމަށެވެ.
"އަޅުގަނޑުމެން މިފަދަ އުސޫލެއް ގާއިމުކުރަން ޖެހުނީ ކުންފުނިތަކުގެ ހިންގުން މިހާރަށް ވުރެ ވަރުގަދަކުރުމަށާއި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ ފަރާތްތަކަކީ އެކަށީގެންވާ ފެންވަރު ހުރި ގާބިލް ބަޔަކަށް ހެދުމަށް،" އަމްޖަދު ވިދާޅުވި އެވެ.