15 Jul 2013, 11:41
ފްލޮރިޑާ (ޖުލައި 15): އެމެރިކާގެ ކަޅުނަސްލުގެ ޒުވާނެއް ކަމަށްވާ ޓްރައިވޯން މާޓިން މެރިކަމަށް ތުހުމަތު ކުރެވޭ ދޮންނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ޒިމަރމެންގެ ކުށެއްނެތް ކަމަށް ޖޫރީންގެ ކޮމިޓީއަކުން ނިންމުމާ ގުޅިގެން އެމެރިކާގެ ބައެއް ސިޓީތަކުގައި ހަމަނުޖެހުންތައް ހިނގަންފެށުމުން މައިތިރިވުމަށް ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.
އޮބާމާ ވިދާޅުވީ ކަޅުނަސްލުގެ ޒުވާނެއް ކަމަށްވާ ޓްރައިވޯން މާޓިން މަރުވެގެން ދިޔުމަކީ އެމެރިކާ އަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމަށާއި ނަމަވެސް ޝަރުޢީ ދާއިރާގެ ނިންމުންތަކަށް އިޙްތިރާމް ކުރަންޖެހޭނެ ކަމުގަ އެވެ. ޖޫރީންނަށް މިނިވަންކަމާ އެކު އެމީހުންގެ ބަސްބުނެ ނިންމުންތައް ނިންމެންޖެހޭނެ ކަމަށް އޮބާމާ ވިދާޅުވި އެވެ.
އެފްރިކާގެ ކަޅުނަސްލުގެ ޒުވާނާ ޓްރައިވޯން މެރުމުގެ ޖަރީމާ ހިންގި ކަމަށް ތުހުމަތު ކުރެވިފައިވާ ދޮންނަސްލުގެ ޒިމަރމެންގެ މައްސަލަ ބެލުމަށް ފަހު ހަ މީހުންގެ މައްޗަށް އެކުލެވޭ ޖޫރީންގެ ކޮމިޓީން ނިންމާފައި ވަނީ ޒިމަމެންގެ ކުށެއްނެތް ކަމަށާއި ޓްރައިވޯން މެރިކަމުގެ ތުހުމަތުން އޭނާ ބަރީއަވާ ކަމުގަ އެވެ.
މިޖަރީމާ ހިންގިކަމަށް ތުހުމަތުކުރެވޭ ޒިމަމެންއަކީ ކުންފުންޏެއްގައި ގާޑެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އޭނާ ކަޅުނަސްލުގެ ޒުވާނާގެ ގަޔަށް ބަޑިޖަހައި މަރާފައި ވަނީ އެޒުވާނާ މެރުމުގެ ނިޔަތާ އެކު ގަސްދުގައި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
މިޖަރީމާ ހިންގާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26ގައި އެމެރިކާގެ ފްލޮރިޑާގެ ސެންފޯޑްގަ އެވެ. މިމައްސަލާގައި ޒިމަމެންގެ ވަކީލުން ބުނެފައި ވަނީ އޭނާ ކަޅުނަސްލުގެ ޒުވާނާ މަރާލާފައި ވަނީ އަމިއްލަ ނަފްސުގެ ދިފާޢުގައި ކަމުގަ އެވެ.
މި ޝަރީޢަތް ހިންގި ޖޫރީންގެ ކޮމިޓީ އެކުލެވިގެން ވަނީ ހަ އަންހެނުންގެ މައްޗަށެވެ. މީގެތޭރައި ހިމެނެނީ ދޮންނަސްލުގެ ފަސް އަންހެނުންނާއި ލެޓިން ނަސްލުގެ އަންހެނެކެވެ. ދޮންމީހާގެ ކުށެއްނެތް ކަމަށް ޖޫރީންގެ މި ނިންމުމާގުޅިގެން އެމެރިކާގެ ޝަރުޢީ ނިޒާމުގައި ދޮން މީހުންނާއި ކަޅުމީހުން ތަފާތުކޮށް ޝަރުޢީ ދާއިރާގައި ނަސްލީ އިމްތިޔާޒާއި ބޭއިންސާފު ހުރިމިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށްބުނެ އެމެރިކާގެ އެތައް ސިޓީއެއްގައި މިޙުކުމާ ދެކޮޅަށް ދަނީ އިޙްތިޖާޖްތައް ކުރަމުންނެވެ.
އިޙްތިޖާޖްތައްކުރަމުން ގެންދާ ސިޓީތަކުގެ ތެރޭގައި ކެލިފޯނިޔާ ސެންފްރެންސިސްކޯ ފިލަޑެލްފިޔާ ވޮޝިންޓަން އަދި އެޓްލަންޓާ ހިމެނެ އެވެ. މިމުޒާހަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވަނީ އެމެރިކާގެ ކަޅުނަސްލުގެ މީހުންނާއި އިންސާނީ ހަޢްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންނާއި މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ބީ.ބީސީ)