15 Jul 2013, 11:16
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013 އަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް އިއްޔެ އިއުލާން ކޮށްފި އެވެ.
މިފަހަރު އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ ތެރޭގައި، އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، ހޮޓެލްސް، ރިޒޯޓްސް، ލައިވްބޯޑްސް، ޓްރެވަލް ޓެކްނޯލޮޖީ، ސީއެސްއާރު އަދި މުޅިން އަލަށް އިތުރު ކުރެވުނު އެންޑް ގެސްޓް ހައުސަސް ކެޓަގަރީ ހިމެނެ އެވެ. އެ ކެޓަގަރީތައް 20 ސަބް ކެޓަގަރީއަކަށް ބާހާލެވިފާއިވާ އިރު އޭގެ އިތުރުން މިފަހަރު މަޓާޓޯގެ މެންބަރުންނާއި އެގްޒެކެޓިވް ބޯޑު މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ ހާއްސަ ދެ އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި މޯސްޓް ސަޕޯޓިވް ރިޒޯޓް އެވޯޑް ހިމެނެ އެވެ.
ރާއްޖޭގެ ބޮޑެތި މަޝްހޫރު ރިސޯޓް ތަކާއި ޓޫރިޒަމް ބްރޭންޑްތަކާއި އަދި ރާއްޖެ އަށް ދަތުރު ކުރާ ބޮޑެތި އެއާލައިންތައް ވެސް ބައިވެރިވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިވެންޓް މަޓާޓޯއިން ބާއްވާ މިއީ ދެވެނަ ފަހަރެވެ.
އެވޯޑަށް ކުރިމަތިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވަނަތަކަށް އަންނަ ފަރާތްތައް ކަނޑައެޅުމަށް 40 އިންސައްތަ ވޯޓް، އިންޓަނެޓުގެ ޒަރީއާ އިން ދެވޭގޮތަށް ހަމަޖެހިފައިވާ އިރު، އެ ފުރުސަތު މި ހަފްތާ ތެރޭގައި ހުޅުވާލެވޭނޭ ކަމަށް އިވެންޓް އިންތިޒާމް ކުރާފަރާތުން ވަނީ ބުނެފަ އެވެ. އަދި ބާކީ 60 އިންސައްތަ ވޯޓް ދިނުމަށް ހަމަޖެހިފައި ވަނީ މިނިވަން ޖަޖުންގެ ޕެނަލަކުން ނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013ގެ ވަނަތަކަށް އަންނަ ފަރާތްތައް އިއުލާނު ކުރުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ސަން ހޮޓެލްސްގެ އޮޅުވެލި ބީޗު އެންޑް ސްޕާ ރިޒޯޓްގައި ބާއްވާ ހާއްސަ ހަފްލާއެއްގަ އެވެ.