ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ނިއު ރޭޑިއަންޓާއި އޭވައިއެލް ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެއްޖެ އެވެ.

ޓާފް އެއްނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް މެޗުގައި ލަނޑެއް ނުޖެހުނުއިރު، އިއްޔެގެ މެޗުގައި ނިއުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ތޮއްޑޫ މުހައްމަދު ނިޒާމާއި އަބްދުﷲ އިބްރާހިމް ނުކުޅެ އެވެ. އަދި އިއްޔެ މެޗުގެ ފުަތަމަ ހާފުގައި އޭވައިއެލްގެ ފޯވާާޑް އަލީ ޝަމީމަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި އެވެ.

މުބާރާތުގައި ނިއު އާއި އޭވައިއެލް މިހާތަނަށް ކުޅުނު، މެތްކަުން އެ ދެޓީމަށް ވެސް ލިބިފައި ވަނީ ޖުމްލަ ހަތަރު ޕޮއިންޓެވެ. އަދި އީގަލްސް އަށް ތިން ޕޮއިންޓް ލިބިފައިވާ އިރު ބީޖީ ސްޕޯޓްސް އާއި މާޒިޔާ އަދި ދިވެހި ސިފައިންގެ ކްލަބަށް ޕޮއިންޓެއް އަދި ނުލިބެ އެވެ.

ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ މާޒިޔާ އާއި އީގަލްސް އެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ 29 ވަނަ ދުވަހު އެވެ.